ޚަބަރު

ފުލުހުންގެ މަސައްކަތައް ހުރަސްއެޅި މައްސަލާގައި ނިހާން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާންނަގައިފި


ފުލުހުންގެ މަސައްކަތައް ހުރަސްއެޅި މައްސަލާގައި ޕީޕީއެމް ޕީޖީ ގްރޫޕްގެ ލިޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާނަންގަވައިފިއެވެ.

މިރޭ ނިހާން ފުލުހަށް ހަޒިރުކޮށް ތިންގަޑިއެއްހާއިރު އެއިދާރާގައި ހުންނެވިއެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ނިހާން ވިދާޅުވީ އޭނާއާއި ސުވާލުކުރެވުނީ ޗިޓުގައިވާފަދައިން ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސްއަޅާ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމުގެ މައްސަލައާއިގުޅޭގޮތުންކަމަށެވެ.

ޕީ.ޕީ.އެމް ޕީއެންސީ ކޯލިޝަނުން ކަނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ނިހާން ފުލުހުންގެ ވެހިކަލެއްގެ ދަށަށް ގަބުރިއެއް ބާއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ނިހާން ވިދާޅުވީ މިކަމާއި ގުޅިގެން ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވިކަމަށާއި، އެނާކުރިކަމެއް ކުރީ އެއްވެސް ހާލެއްގައި ފުލުހުންނަށް ހުރަސްއެޅުމަށް ނޫންކަމުގެ ޔަގީންކަން ފުލުހުންނަށްދެއްވިކަމަށެވެ.

ފުލުހުންގެ ވެހިކަލެއްގެ ދަށުގައި ގާބުރިއެއް ބޭއްވީ ފުލުހުންނަށް ހުރަސްއެޅުމަށް ނޫންކަމަށާއި، ޢާންމުން ގިނަ ތަނެއްގައި ފުލުހުންގެ ވެހިކަލް ދުއްވައިފިނަމަ މީހަކަށް ގެއްލުމެއް ލިބިދާނެތީކަމަށް ނިހާންވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ މަސައްކަތައް ތައުރީފުކުރައްވައި ނިހާން ވިދާޅުވީ ފުލުހުން މެދުވެރިކޮށް ސިޔާސީ ފަރާތްތައް ހާޒިރުކޮށް އެކިނަން ނަމުގައި މައްސަލަތައް ބެލުމުގެ ބަދަލުގައި މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ އިސްކަންދިނުން މުހިއްމުކަމަށެވެ.