ޚަބަރު

މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، އެލް.ޖީ.އޭ އިން ގިނަ ޙަރަކާތްތަކެއް


މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތަފާތު ގިނަ ޙަރަކާތްތަކެއް ރާވައި ހިންގަންފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ލާމަރުކަޒީ ދުވަހުގެ ގޮތުގައި ފެބްރުއަރީ މަހުގެ 26ވަނަ ދުވަސް ފާހަގަކުރަމުން އަންނައިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަންފެށިތާ 8 އަހަރު ފުރުން ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް މިމަހުގެ 23އިން 28އަށް ކުރިއަށްގެންދިއުމަށް އެލް.ޖީ.އޭއިންވަނީ ނިންމައި ބައެއް ހަރާކްތްތައް މިހާރުފަށާފައެވެ.

އެގޮތުން މިމަހުގެ ތޭވީސްވަނަ ދުވަހު ކުޑަކުދިންނަށް ޚާއްސަ ހަވީރެއް ބާއްވައި، މާލެއާއި ބައެއް ރަށްރަށުގައި އިންފޮމޭޝަން ޑެސްކުތަކެއް ބަހައްޓައި ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވަން ގިނަ ހަރަކާތްތައް ހިންގާފައިވެއެވެ.

ލާމަރުކަޒީ ދުވަސްކަމުގައިވާ މިމަހުގެ 26ވަނަ ދުވަހުގެ ޙަރަކާތްތައް ފެށިގެންދާނީ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި އެލް.ޖީ.ޢެގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްވާ ޚާއްސަ ޚިތާބުންނެވެ. އަދި ޕާފޯމަންސް އިންޑެކްސް 2017ގެ ނަތީޖާ އިއުލާންކުރުމަށް ހަމައެދުވަހު ރަސްމިއްޔާތެއްބާއްވާނެކަމަށާއި، ހަމައެެރޭ "ލާމަރުކަޒުކުރުން" މިމައުޟޫއަށް އާންމުންނަށް ހުޅުވާލައިގެން ޕަބްލިކް ފޯރަމެއް ބާއްވާނެކަމަށްވެސް އެލް.ޖީ.އޭއިން ވިދާޅުވެއެވެ.

މީގެއިތުރުން 28ވަނަ ދުވަހު މާލޭގެ ސާނަވީ ސުކޫލްތަކުގެ ދަރިވަރުން ލާމަރުކާޒީ ނިޒާމަށް ހޭކުލުންތެރިކުރުމަށް ޚައްސަ ކުއިޒަކާއި، އެލް.ޖީ.އޭގެ މުވައްޒަފުންނަށް ޚާއްސަކޮށްގެންވެސް ކުއިޒެއް ބާއްވާނެކަމަށް އެލް.ޖީ.އޭއިން މައުލޫމާތުދެއްވައެވެ.

މިއަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް ތަފާތު ޙަރަކާތްތަކެއް ހިންގާއިރު، ލޯކަލް ކައުންސިލްތަކުގެ ހިނގަމުންމިދާ ދައުރުގައި ފިޔަވަޅު އަޅާފައިވާ ކައުންސިލަރުންގެ އަދަބުލުއިކޮށް، 78 ކައުންސިލަރެއްގެ މުސާރަ އިޢާދަކުރެއްވުމަށް ލޯކަލްގަވަރމެންޓް އޮތޯރިޓީން މިހާރުވަނީ ނިންމަވާފައެވެ.
އަދި ކުރީގެ ސަރުކާރުން ހަނިކޮށްފައިވާ ކައުންސިލްތަކުގެ ބާރުތައް އައު ސަރުކާރުވެރިކަމާއި ހަވާލުވުމަށްފަހު މިހާރުވަނީ އަނބުރާ ކައުންސިލްތަކަށް ދެއްވާފައެވެ.