ޚަބަރު

2017ވަނަ އަހަރުގެ އެއްމެ ހިންގުންތެރި ކައުންސިލުތައް ހޮވައިފި


ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ދަރަޖަ ކަނޑައެޅުމަށްޓަކައި "ލޯކަލް ކައުންސިލް ޕަރފޯމަންސް"ގައި 2017ވަނަ އަހަރު ވަނަތައް ޙާސިލްކޮށްފައިވާ ކައުންސިލްތައް އިޢުލާނުކޮށްފިއެވެ.

ކައުންސިލްތަކުގެ "ޕަރފޯމަންސް އިންޑެކްސް 2017 " އިޢުލާން ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އެލްޖީއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲއެވެ.

ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ދަރަޖަ ކަނޑައެޅުމަށްޓަކައި ލޯކަލް ކައުންސިލް ޕާފޯމަންސްގައި 2017ވަނަ އަހަރު އަތޮޅު ކައުންސިލުތަކުގެ ތެރެއިން އެއްވަނަ، ކޮޅުމަޑުލު، އަތޮޅު ކައުންސިލުން ހޯދިއިރު، ދެވަނަ ހޯދީ މިލަދުންމަޑުލު އުތުރުބުރީ، އަތޮޅު ކައުންސިލެވެ. އަދި ތިންވަނަ ހާސިލްކުރީ ފާދިއްޕޮޅު، އަތޮޅު ކައުންސިލެވެ.

ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ދަރަޖަ ކަނޑައެޅުމަށްޓަކައި ލޯކަލް ކައުންސިލް ޕާފޯމަންސްގައި، 2017 ވަނަ އަހަރު ރަށު ކައުންސިލުތަކުގެ ތެރެއިން އެއްވަނަ އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލުން ހޯދިއިރު، ރަށު ކައުންސިލު ތަކުގެ ތެރެއިން ދެވަނަ ހޯދީ މާލެއަތޮޅު ހުރާ ކައުންސިލުންނެވެ. އަދި ތިންވަނަ ލިބުނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލަށެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ އިންޑެކްސްގެ ބައިން އެއްވަނަ އަތޮޅު ކައުންސިލަކަށް ތިލަދުންމަތީ، އަތޮޅު ކައުންސިލު ހޮވުނުއިރު އެއްވަނަ ރަށު ކައުންސިލްގެ މަގާމް ހޯދީ ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުންނެވެ.

އިފެކްޓިވްނަސް އިންޑެކްސްގެ ބައިން އެއްވަނަ އަތޮޅު ކައުންސިލަކަށް ކޮޅުމަޑުލު، އަތޮޅު ކައުންސިލު ހޮވުނުއިރު، އެއްވަނަ ރަށު ކައުންސިލަކަށް ހޮވުނީ އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލެވެ. މީގެ އިތުރުން ޕާރޓިސިޕޭޝަން އިންޑެކްސްގެ ބައިން އެއްވަނަ، އަތޮޅު ކައުންސިލަކަށް މުލަކަތޮޅު އަތޮޅު ކައުންސިލު ހޮވުނުއިރު އެއްވަނަ ރަށު ކައުންސިލަކަށް ހޮވިފައިވަނީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލެވެ. އަދި އެކައުންޓަބިލިޓީ އިންޑެކްސްގެ ބައިން އެއްވަނަ އަތޮޅު ކައުންސިލަކަށް ހައްދުންމަތީ، އަތޮޅު ކައުންސިލު ހޯދިއިރު، އެއްވަނަ ރަށު ކައުންސިލަކަށް ހޮވުނީ މާލެއަތޮޅު ހުރާ ކައުންސިލެވެ. އަދި ސެކިއުރިޓީ އިންޑެކްސްގެ ބައިން އެއްވަނަ އަތޮޅު ކައުންސިލަށް މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލު ހޯދިއިރު މިބައިގެ އެއްވަނަ ރަށު ކައުންސިލަކީ އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލެވެ.

ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ދަރަޖަ ކަނޑައެޅުމަށްޓަކައި ލޯކަލް ކައުންސިލް ޕާފޯމަންސްގައި އެންމެބޮޑު ކުރިއެރުމެއް ހޯދި އަތޮޅު ކައުންސިލަކަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލު ހޮވުނުއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށު ކައުންސިލަކީ އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލެވެ.

ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ދަރަޖަ ކަނޑައެޅުމަށްޓަކައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ތަޢާރަފް ކޮށްފައިވަނީ 2015ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހުއެވެ.