ސިޔާސީ

ޖަލުތަކުގައި ތިބި ފަރާތްތައް މަޖިލިސް އިންތިޚާބަށް ރީ ރަޖިސްޓްރީވާން އީސީން އަންގައިފި


ޖަލުތަކުގައި ތިބި ހުރިހާ ފަރާތްތަކުން އަންނަ މަޖިލިސް އިންތިޚާބަށް އަލުން ރީރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ޖަލުތަކުގައި ރީރަޖިސްޓްރީވި ހުރިހާ ފަރާތްތައް އެމީހަކު ރަށްވެހިވެފައިވާ ރަށަކަށް މިހާރު ބަދަލުކޮށްފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ އަންނަ އޭޕްރީލްމަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވެފައިވާ މަޖިލިސް އިންތިޚާބަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރަން ޖެހޭނީ ރިޔާސީ އިންތިޚާބުގައި ވޯޓުލީތަން ބަދަލުވެފައިވާ ފަރާތްތަކުން އެކަނިކަމަށެވެ. ނަމަވެސް ޖަލުތަކުގައި ތިބި މީހުން އަލުން ރީރަޖިސްޓްރީވާން އެންގެމުން ޖަލުތަކުގައި ތިބި ފަރާތްތައް މިވަނީ އެނިންމުމުން އިސްތިސްނާކުރެވިފައެވެ.

އެހެންކަމުން ރީރަޖިސްޓްރީ ކުރުމަށް މިހާރު އެކޮމިޝަނުން ހުޅުވައިލާފައިވާ ފުރުސަތުގެ ދަށުން ޖަލުތަކުގައި ތިބި ފަރާތްތައްވެސް ރީރަޖިސްޓްރޭޝަންގެ ފަހު މުއްދަތުކަމުގައިވާ އަންނަ މާޗްމަހުގެ ދެވަނަ ދުވަހުގެ 15:00 ގެ ކުރިން ރީރަޖިސްޓްރީ ވާން ޖެހޭނެއެވެ.

މިފަހަރުގެ އިންތިޚާބުގައިވެސް ރާއްޖޭގެ 4 ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމައް އީސީން ވަނީ ނިންމާފައެވެ. އެއީ މާލެ ޖަލާއި، ދޫނިދޫ ޖަލާއި މާފުށީ ޖަލުގެ އިތުރުން ހިންމަފުށީ އައްސޭރި ޖަލެވެ.

މަޖިލިސް އިންތިޚާބަސް ރީރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި މިހާތަނަށް އައިއިރު އެދެވޭ ތަރުހީބު ލިބެމުން ނުދާކަން ފާހަގަކޮށް އިލެކްޝަންސް ކޮމިޝަނުންވަނީ، ރީރަޖިސްޓްރީކުރަންޖެހޭ ފަރާތްތަކުން ވީހާވެސް އަވަހަށް އެކަންކޮށް ނިންމުމަށް އިލްތިމާސްކުރައްވާފައެވެ. މަޖިލިސް އިންތިޚާބުގައި ޖަލުތައްވެސް ހިމެނޭހެން 507 ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމާފައެވެ.