ޚަބަރު

ރީ-ރަޖިސްޓްރީވުމަށް މިހާތަނަށް ހުށަހަޅާފައިވަނީ 1200 މީހުންގެ ފޯމް - އީސީ


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ ބާރަ ސަތޭކަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ރަށްވެހިވެފައިވާ ރަށްނޫން އެހެންތަނަކަށް ވޯޓުލާނަމަ ރީ-ރަޖިސްޓްރީ ކުރަންޖެހޭނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަންނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުންނާއި، ރާއްޖޭގެ ހަތަރު ޖަލާއި، މިއިންތިޚާބުގައި ވޯޓުފޮށި ނުބަހައްޓާ ހަތަރު ރިސޯޓެއްގައި ރަޖިސްޓްރީވެފައިތިބި މީހުން އެކަނިކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓިނަމަވެސް ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި އެތަންތަނުގެ މެނޭޖްމަންޓުން ބޭނުން ނުވުމުގެ ސަބަބުން ވޯޓުފޮށި ނުބަހައްޓާ ރިސޯޓްތަކަކީ، ޝެރަޓަން މޯލްޑިވްސްއާއި، ހޮލިޑޭއިން ރިސޯޓް ކަނޑޫމާއާއި ކޮކޯޕާމް ބޮޑުހިތި ރިޒޯޓާއި، ހެލެގެލި އައިލެންޑް ރިސޯޓެވެ.

މަޖިލިސް އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރީވާން ޖެހޭނީ މަދުޢަދަދެއްގެބައެއް ނަމަވެސް އެންމެފަހު ވަގުތައް ނުތިބެ އެފަރާތްތަކުންވެސް ރީ-ރަޖިސްޓްރީވުމަށް ފޯމުހުށަހެޅުމުން އިދާރީކަންކަން ހަމަޖެއްސުމުގައި ފަސޭހަވެގެންދާނެކަމަށެވެ.

"އާންމުކޮށް ކަންކަންވާ ގޮތަކީ އެންމެ ފަހު ވަގުތު ފޯމް ހުށައަޅަނީ. މިވަގުތާއި ހަމައަށް 1200 މީހުން ރީ-ރަޖިސްޓްރީވާން ފޯމު ހުށައޅާފައިވަނީ. އެއީ ވަރަށް މަދުއަދަދެއް. އެހެންނަމަވެސް ފާއިތުވެދިޔަ ރިޔާސީން އިންތިޚާބުގައި މިއޮތީ މިއިންތިޚާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ވާންޖެހޭ ގާތްގަނޑަކަށް ނުވަދިހަ ޕަސެންޓް އޮންނާނީ ރަޖިސްޓަރކޮށްފައި" އަކްރަމް ވިދާޅުވިއެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ރާއްޖެއިން ބޭރުގެ އެކިޤައުމުތަކުގެ އަށް ސަރަޙައްދެއްގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު އެތަންތަންތަނުގައި ވޯޓުފޮށި ބަހައްޓާނީ އެއިން ތަނެއްގައި 100 މީހުންނަށްވުރެ ގިނަ ޢަދަދެއްގެ މީހުން ރީރަޖިސްޓްރީކޮށްފިނަމައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އަށްޑިހަ ހަތް ދާއިރާއަށް މެންބަރުން އިންތިޚާބުކުރާއިރު، މިހާތަނަށް ތިންސަތޭކަ ނުވަދިހަ ހަތަރު މީހަކުވަނީ އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ. މަޖިލިސް އިންތިޚާބުގައި ފަސް ސަތޭކަ ހަތް ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ތިރީސް ނުވަ ރިސޯޓާއި، ބޭރުގެ ހަތް ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނަށެވެ.