ޚަބަރު

އެރިކްސަން އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްއަކަށް ވުމަށް ޝަޢުގުވެރިކަން ފާޅުކޮށްފި


އިންގްލެންޑަށް 2002 އާއި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިރުޝާދުދިން ކޯޗު ސްވެން ގޯރާން އެރިކްސަން އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަން ބޭނުންވާކަމަށް ބުނެ ޝަޢުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިންޑިޔާގެ ނޫސްތަކުން ބުނަން ފަށައިފިއެވެ.
އިންޑިޔާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްގެ މަގާމް ހުސްވެފައިވަނީ އޭޝިއަން ކަޕްގައި ގުރޫޕްގެ އެންމެ ފުލަށް ގޮސް އިންޑިޔާ މުބާރާތުން ކެޓުމާއެކު، އޭރު އިންޑިޔާގެ ކޯޗްއަކަށް ހުރި އިންގްލެންޑުގެ ސްޓެފަން ކޮންސްޓެންޓިން މަގާމުން އިސްތިޢުފާ ދިނުމުންނެވެ. ނިމިގެންދިޔަ ސާފް ސުޒުކީ ކަޕްގެ ފައިނަލްގައި އިންޑިޔާ ބަލިވެފައިވަނީ ރާއްޖެއާއި ވާދަކޮށް 2 ލަނޑު 1 ލަނޑުންނެއެވެ. އެމެޗްއަށްފަހުވެސް ކޮންސްޓެންޓިން އިސްތިޢުފާ ދޭނެކަމަށް އަޑުތަށް ފެތުރިފައިވެއެވެ. 71 އަހަރުގެ ސްވިޑިންއަށް އުފަން އެރިކްސަންވަނީ އޭނާގެ އެޖެންޓް މެދުވެރިކޮށް އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަންއަށް އޭނާ ހުސްކޮށް ހުރިކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ. އެރިކްސަން އެންމެ ފަހުން ކޯޗްކަން ކޮށްދީފައިވަނީ ފިލިޕީންސްގެ ގައުމީ ފުޓްބޯޅަ ޓީމަށެއެވެ. އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނަށް ސީދާ އެރިކްސަން ވާހަކަދައްކާފައިނުވާއިރު، އެރިކްސަންވަނީ އޭނާގެ އެޖެންޓް މެދުވެރުކޮށް އިންޑިޔާގެ ކޯޗްގެ މަގާމް ބޭނުންވާކަމަށް ޝަޢުގުވެރިކަން ފާޅު ކުރުމުގެ އިތުރުން އިންޑިޔާއަކީ މިހާރު ފުޓްބޯޅައިގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ގައުމްއަކަށްވެފަ އެފަދަ ގައުމްއަކަށް ކޯޗްކޮށްދެން ބޭނުންވާކަމަށްވެސް ބުނެފައިއެވެ.
އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި އިންޑިޔާގެ ފުޓްބޯޅަ ޓީމްގެ ކޯޗްގެ މަގާމް ބޭނުންވެގެން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކޯޗުންނާއި އެތައް ގައުމެއްގެ ކޯޗުންދަނީ އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނަށް ސީވީތައް ފޮނުވަމުންނެއެވެ. ނަމަވެސް ފެޑެރޭޝަނުން ކޯޗެއް ހަމަޖައްސާނެކަމަށް ބެލެވެނީ އޭޕްރީލް މަހުގެ މެދުތެރޭގައެވެ.