ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުވެރި ބައެއް އުފެއްދުންތަކަށް ޚާއްޞަ ކޯނަރއެއް އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓުގެ ބުޓިކް ޝޮޕްގައި ޤާއިމްކޮށްފިއެވެ.
ޕީއެސްއެމް ނިއުސް އަށް މައުލޫމާތު ދެމުން އަބޫބަކުރު ސްކޫލުގެ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޔުނިޓް "ސްޕާކްލިންގ"ގެ ލީޑިން ޓީޗަރު، މަރިޔަމް ރިޔާޝާ ވިދާޅުވީ އެ ސްކޫލުގައި ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރުވެރި އުފެއްދުންތައް ފަތުރުވެރިންނަށް ވިއްކައިގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ ޔުނިޓުގެ އެކި ކަންކަމަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މުޅި މުޖުތަމަޢުގެ އެހީތެރިކަން ބޭނުންވާއިރު، މި ކަމަކީ އެކުދިންގެ އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފެށޭ މުހިންމު ފަންޑް ރެއިޒިން ޕްރޮގްރާމެއް ކަމަށެވެ.
"އަމާރީ ހަވޮއްޑާގެ މެނޭޖްމަންޓުން މި ސްކޫލަށް ވަރަށް ބޮޑަށް އެކި ކަންތައްތަކުގައި އެހީތައް ދޭކަން ފާހަގަކޮށްލަން. މިއަދު މިފެށީ އަލަށް ފައްޓާ ޕްރޮގްރާމެއް. އެހެން ނަމަވެސް މީގެ ކުރިން ދެފަހަރަކު އަޅުގަނޑުމެން ވާނީ އަމާރީއަށް ޒިޔާރަތްކޮށް އަޅުގަނޑުމެންގެ ކުދިންނަށް އަމަލީ ތަޖުރިބާ ލިބުމުގެ ފުރުޞަތު ދީފަ" ރިޔާޝާ ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭ ގޮތުން އަމާރީ ހަވޮއްޑާ މޯލްޑިވްސްގެ އެޗް އާރު ޓީމުން ބުނީ، އެ ރިސޯޓުގެ ބުޓީކް ޝޮޕްގައި ހުޅުވިގެންދާ ސެކްޝަން މެދުވެރިކޮށް އެ ދަރިވަރުންނަށް އުނގަންނައިދޭ ވެށި އިތުރަށް ފުރިހަމަ ކުރުމަކީ އެ ރިސޯޓުގެ މަޤްޞަދެއް ކަމަށެވެ.
އަބޫބަކުރު ސްކޫލަކީ މުޅި ގދ. އަތޮޅުގައިވެސް، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ހަމަ އެކަނި ސްކޫލެވެ. އެގޮތުން ތިނަދުއާއި އެ އަތޮޅުގެ އެކި ރަށްތަކުން ޚާއްޞަ އެހީއަށް ބޭނުންވާ 19 ކުއްޖަކު އެސްކޫލުގައި ކިޔަވަމުންދެއެވެ.