ސިޔާސީ

ނާއިބު ރައީސް ހުރާ ކައުންސިލާއި ބައްދަލުކުރައްވައިފި


ނާއިބް ރައީސް ފައިޞަލް ނަސީމް މާލެ އަތޮޅު ހުރާ ކައުންސިލުގެ މެމްބަރުންނާއި ބައްދަލު ކުރައްވައި އެފަރާތްތަކުގެ ކަންބޮޑުވުން ބައްލަވައިލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ހުރާ ކައުންސިލު މެމްބަރުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ކުރިއަށްދާ މަސައްކަތްތަކާއި މުސްތަގުބަލުގައި ކުރަން ރާވާފައިވާ މަސައްކަތްތަކާއި، އެރަށުގެ ތަރައްޤީއަށް މިހާރު ބޭނުންވެފައިހުރި ކަންކަމުގެ އިތުރުން ރަށުގެ ކުރި އެރުމަށް ކުރާ މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތައް ނާއިބު ރައީސާއި ހިއްޞާ ކުރައްވާފައެވެ.

ހުރާ ކައުންސިލް މެމްބަރުން ނާއިބު ރައީސް ފައިޞަލް ނަސީމަށް ހިއްޞާ ކުރެއްވި މަޢުލޫމާތު ތަކުގެ ތެރޭގައި އެރަށު ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ ދަތިތަކާއި ރަށަށް ކަރަންޓް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ބައެއް ކަހަލަ ވަޞީލަތްތައް ރަށުގައި ޤާއިމްވެފައި ނެތުމުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްޞާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ފައިޞަލް ވަނީ އިޖްތިމާޢީ ގޮތުންނާއި ތަރައްޤީ ކުރި އެރުވުމަށް ރަށުގެ ކައުންސިލަށް ކުރެވިދާނެ ކަންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ރަށުގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަޢުލީމް ދެވޭ ފެންވަރު އިތުރަށް ފުޅާކުރުމަށް ސްކޫލާއި ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ނާއިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރަށުގެ ރައްޔިތުންނާއި މެހެމާނުންގެ ގޮތުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި އެކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްތައް ކުރެއްވުމަށް ނާއިބު ރައީސް ވަނީ ކައުންސިލު މެމްބަރުންގެ ކިބައިން އެދި ވަޑައިގަންނަވާފައެވެ.

އިޖްތިމާއި ގޮތުންނާއި އިގްތިޞާދީ ގޮތުން ރަށުގެ ތަރައްޤީއަށް މަސައްކަތްތައް ކުރެއްވި ނަމަވެސް ދުޅަ ހެޔޮ ޞިއްހަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ރަށުގައި އިތުރު ހަރަކާތްތައް ރާވައިގެން ކުރިއަށް ގެންދެވުމަށް ނާއިބު ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ބަޖެޓްގައި ހިމެނިފައިވާ ކަންކަން އަވަސްކުރުމަށް ކަމާއި ގުޅޭ އިދާރާތަކާއި މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ.

ހުރާ ކައުންސިލުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރަށްރަށުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކުރުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ނާއިބް ރައީސް ފައިޞަލް ނަސީމް ހުރާ ކައުންސިލް މެމްބަރުންނަށް ދެއްވާފައެވެ.