ސިޔާސީ

ރިޔާސީ ކޮމިޝަންގެ ބިލު ފާސްނުވެ، ދިގުލައިގެން ދާތީ އެމްއާރްއެމްއިން ކަންބޮޑުވެއްޖެ


ރިޔާސީ ކޮމިޝަންތަކުގެ ބިލު މަޖިލީހުން ފާސްނުވެ ލަސްވަމުންދާތީ މަޢުމޫން ރިފޯމް މޫމަންޓް (އެމްއާރްއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ތާޢީދާއެކު އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ފެށުން އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާކަން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްގެ ސްޕޯކްސް ޕާސަން ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، ރައީސް ޞާލިޙް ގެ ރިޔާސީ ވައުދުފުޅުތަކުގައިވާ ގޮތްނޭނގޭ މަރުތައް ތަޙްޤީގުކުރުމާއި، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގެ ކަންކަން ކުރިއަށްގެންދާ ކޮމިޝަންތަކަށް ޤާނޫނީ ބާރުދޭ ބިލުތައް މަޖިލީހުން ފާސްނުވެ ލަސްވަމުންދާ ދިއުމަކީ އެމްއާރުއެމުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ މުހިއްމު ޙައްޤުތަކެއް ގެއްލިގެން ހިގައިދާނެކަމުގެ ބިރުއޮތުމަކީ ރައީސް މައުމޫނު ކަންބޮޑުވެ ވަޑައިގަންނަވާކަމެއް ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

"ކޯލިޝަންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މީގެތެރޭގައި ހިމެނޭގޮތަށް މިބިލް ފާސްވެގެން ނުދިއުމަކީ ހިތާމަކުރަންޖެހޭކަމެއް. މިކަން ލަސްވުމަކީ އެމްއާރުއެމްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް މިކަމަށްއޮތްކަމެއް. ސަބަބަކީ ރައީސް މައުމޫން ރާއްޖޭގައި މިހިންގައިދާ ބޮޑެތި ކޮރަޕްޝަންތަކާއި ދެކޮޅަށް އެންމެ ފުރަތަމަ ވަކާލާތުކުރެއްވި ބޭފުޅުންގެތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅެއް. އެމަނިކުފާނުގެ ވަރަށް ބޮޑު ކަންބޮޑު ވުމަކަަށް މިކަންމިވަނީ ވެފައި"

އެމްއާރުއެމުން ވަނީ ވީއެންމެ އަވަސް ފުރުސަތެއްގެތެރޭގައި ކޮމިޝަންތަކުގެ ބިލް ފާސްކޮށްދިނުމަށް މަޖިލީހުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ މެންބަރުންނަށް ގޮވާލާފައެވެ.

މި ބައްދަލުވުމުގައި ތަޒްމީލް ވަނީ ރައީސް މައުމޫނުގެ ތާޢީދާއެކު އަންނަ މަޖިލިސް އުންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ލޯންޗުކުރުމަށް މާޗް ހަވަނަދުވަހުގެރޭ ބާއްވާ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ލީޑަރުންނަށް ދައުވަތު ދެއްވާފައިވާކަން ހާމަކުރައްވާފައެވެ. މަޖިލިސް އިންތިޚާބުގައި އެމްއާރުއެމްގެ 24 ކެނޑިޑޭޓަކު ވާދަކުރާނެކަން އިއުލާންކޮށްފައިވީނަމަވެސް، ޕްރައިމަރީތަކުގައި ވާދަކޮށް ނާކާމިޔާބުވި ފަރާތްތަކަށް އަމިއްލަގޮތުންނާއި، އެހެން ޕާޓީތަކުންވެސް ވާދަކުރެވޭގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ކުރިމަތިލާ ކެނޑިޑޭޓުންގެ ޢަދަދު އިތުރުވުމަކީ އެކށީގެންވާ ކަމެއްކަމަށް އެމްއާރުއެމުން މައުލޫމާތުދެއެވެ.

މީގެއިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް އެމް.އާރު.އެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުއިކަމާއެކު މިހާރުވެސް ކުރަމުންދާކަން ތަޒްމީލްވަނީ މި ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ.