ސިޔާސީ

ދިވެހީންނަށް މެލޭޝިއާ ވިސާ ދޫކުރުން ލުއިކޮށްދިނުމަށް އެދިވަޑައިގެންފި


މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ލިބުމުގައި ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެދިވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ ޝާހިދު އެކަމަށް އެދިވަޑައިގެންނެވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ އދ.ގެ އިންސާނީ ހައްޤުތަކާބޭހޭ ކައުންސިލު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މެލޭޝިއާގެ ޚާރިޖީ ވަޒީރު ސައިފުއްދީން ބިން ޢަބްދުﷲ ބައްދަލުކުރައްވައި ދެއްކި ވާހަކަފުޅުގައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ އެ ބައްދަލުކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާ ހޯދުމުގައި ކުރިން ފަސޭހަ ގޮތްތަކެއް ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެކަމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު މިނިސްޓަރު ޝާހިދު މެލޭޝިއާގެ ޚާރިޖީ ވަޒީރު ސައިފުއްދީނާއި ހިއްޞާ ކުރައްވާ، އެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގަންފައިވާ ކަމަށެވެ.

ޖެނީވާގައި ކުރިއަށްދާ އިންސާނީ ހައްޤުތަކާއި ބެހޭ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރު ޝާހިދު ވަނީ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.

ސްވިޓްޒަލެންޑްގެ ޖެނީވާގައި ހޯމަ ދުވަހު ބޭއްވި އދ. ގެ އިންސާނީ ހައްޤުތަކާއިބެހޭ ކައުންސިލްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ތަގުރީރު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައާއި އެކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ރައްޔިތުންގެ ހައްޤުތައް ގެއްލިގެންދާކަން ފާހަގަ ކުރައްވާފައެވެ.