ޚަބަރު

ކޮމިޝަންތަކަށް ޤާނޫނީ ބާރުދޭބިލް، ފާސްވާނެކަމުގެ އުންމީދުކުޑަ


ގޮތްނޭނގޭ މަރުތަކުގެ މައްސަލަތަކާއި ދައުލަތުގެ މުދަލަށް ޚިޔާނާތްތެރިވެފައިވާ މައްސަލަ ބެލުމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމަށް، ރައީސް ޞާލިޙް ވެރިކަމުގެ ހުވާކުރެއްވުމަށްފަހު ފުރަތަމަ ދުވަހު އެމަނިކުފާނުވަނީ ޚައްސަ ދެކޮމިޝަނެއް އުފައްދަވައި އެމަސައްކަތް ފައްޓަވާފައެވެ.

މިދެކޮމިޝަނުގެ މަސައްކަތުގެ ބާވަތުން ކޮމިޝަންތަކުގެ މަސައްކަތް އެންމެފުރިހަމަ އަދި އިތުބާރުހިފޭ ގޮތަކަށް ކުރިއަށްގެންދިއުމަށް، އެކޮމިޝަންތަކަށް ފުރިހަމަ ބާރާއި އިޚްތިޔާރު ދިނުމަށްކަނޑައަލައި އެކަމަށް ޚާއްސަ ބިލެއް ސަރުކާރުންވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

މިގޮތަށް މަޖިލީހަށް ހުށައެޅޭ ބިލްތަކާމެދު ޢަމަލުކުރާ އުސޫލުން މަޖިލީހުގެ އެކަމަށް ޚާއްސަ ކޮމިޓީން ބިލް ދިރާސާކުރުމަށްފަހު މިދިޔައަހަރުގެ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށްވަނީ ފޮނުވާފައެވެ. އެހެންނަމަވެސް މިއަދާހަމައަށްވެސް އެބިލް ފާސްވާގޮތްވަނީ ނުވެފައެވެ.

ކޮމެޓީގެ ރިޕޯޓް މަޖިލީހުގެ 2018ވަނަ އަހަރުގެ ފަހު ދައުރުގެ ފަހުޖަލްސާއަށް ހުށައެޅި ނަމަވެސް މިއަހަރަށް މަޖިލީސް ހުޅުވައި މިހަފްތާގައި ބޭއްވި ތިން ޖަލްސާއަށް އެޖެންޑާކޮށްގެންވެސް ބިލް ފާސްކުރުމަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ޤާނޫނު އަސާސީގެ 86ވަނަ މާއްދާގެ (ށ)އާއި މަޖިލީހުގެ ޤަވާއިދުގެ 37ވަނަ މާއްދާގެ (ބ)ގައި ބުނާ ގޮތުން، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، އެވޯޓެއް ނަގާ ޖަލްސާގައި ޙާޒިރުވެ ތިބޭވަގުތެއްގައެވެ. އެހެންކަމުން މިބިލް ފާސްކުރުމަށް 43 މެންބަރުން މަޖިލީހުގައި ތިއްބަވަން ޖެހެއެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމް.ޑީ.ޕީގެ 19 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ 22 މެންބަރުންގެ އިތުރުން ޢަދާލަތު ޕާޓީގެ މެންބަރާއެކު ޖުމްލަ 42 މެންބަރުން ތިބެއެވެ.

މިބިލަށް ވޯޓަށްއަހަން އެޖެންޑާކުރި ދުވަސްތަކުގައި ބައެއް މެންބަރުން ޗެންބަރަށް ނުވަނުމާއި ވޯޓުލާގަޑީގައި ޖަލްސާއަސް ހާޒިރުނުވުމަކީ މިބިލް ފާސްނުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް މެންބަރުން ބޭނުނުންވާކަމަށް ބެލިދާނެކަމެކެވެ. މަޖިލީހުގެ ބައެއް މެމްބަރުންވެސްވަނީ ޙާޒިރުނުވާ މެމްބަރުންނަށް މިތުހުމަތު ކުރައްވާފައެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމް.ޑީ.ޕީގެ މަޖިލިސް މެންބަރުންވެސްވަނީ ވޯޓުގަޑީގައި ހާޒިރު ނުވާ މެންބަރުންނަށް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރައްވާފައެވެ.
މިމައްސަލަ އެންމެ ބޮޑަށް ހާމަވެގެންދިޔައީ މިދިޔަ އަންގާރަދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ކޮމިޝަންތަކުގެ ބިލަށް ވޯޓަށްއެހިވަގުތު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ދިހަ މެންބަރުންނާއި، އެމް.ޑީ.ޕީގެ މެންބަރަކު އެވަގުތު ޖަލްސާއަށް ހާޒިރުނުވުމުގެ ސަބަބުންނެވެ.

އަންގާރަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާއަށް ހާޒިރުނުވި ޖޭޕީ މެންބަރުން:
1- ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
2- ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކު
3- ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން
4- ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު
5- ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާޙީމް ހަސަން
6- ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުޙައްމަދު
7- ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ
8- ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން
9- މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސައިން
10- މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހްމީ
އެމްޑީޕީން އެދުވަހު މަޖިލީހަށް ޙާޒިރުނުވެ ހުރީ އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޢަބްދުﷲއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުން ހާޒިރުނުވެގެން ވޯޓަށް ނޭހުނުއިރު ޖެހިގެންއައި ދުވަހު ބޭއްވި ޖަލްސާއަށް ރިޔާސީ ކޮމިޝަންތަކުގެ ބިލަށް ވޯޓަށް އަހަން އެޖެންޑާކުރިއެވެ. ނަމަވެސް އެދުވަހުވެސް ބިލަށް ވޯޓަށް އަހާފައެއްނުއެވެ. މިފަހަރު މިދިމާވީ އަދި މާބޮޑު މައްސަލައެކެވެ. އެޖަލްސާގައި ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް ނޭއްސެވީ އެބިލް މިނިވަން މުއައްސަސާތަކުގެ ކޮމީޓިން ފާސްކުރިގޮތް ނޫން އެހެންގޮތަކަށް އެބިލް ހުށަހަޅާފައިވާކަމަށް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 6 މެންބަރަކު ސޮއިކުރައްވައި ފޮނުއްވި ސިޓީއެއް ލިބިވަޑައިގެންފައިވާތީ ކަމަށެވެ. އެހެންކަމުން އެކަން ތަޙުޤީޤްކުރުމަށްފަހު ނޫނީ އެބިލަށް ވޯޓަށް ނާއްސަވާނެކަމަށް ވިދާޅުވެ ޤާސިމްވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

މީގެކުރިން ޤާނޫނީ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ބިލަށް ވޯޓަށް ނޭހިނަމަވެސް އިއްޔެގެ ޖަލްސާގައި ކޯރަމް ހަމަވެ ވޯޓަށް ނޭހުމުން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުންވަނީ މަޖިލީހުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ވޯޓަށް ނޭހޭނެކަމަށް ވިދާޅުވެ އެ ބިލް އަނބުރާ ފޮނުވާލެއްވުމަކީ ޤަވައިދާ ޚިލާފަށް މަޖިލީހުގެ ރައީސް ނިންމެވި ނިންމެވުމެއްކަމަށް އެމްޑީޕީގެ މެންބަރުން ތުހުމަތުކުރައްވައެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭބިލް ކޮމިޓީން ފާސްކޮށްފައިވަނީ އެބިލްގައި ހިމަނާފައިވާ ގިނަ ބާރުތަކެއް އުނިކުރުމަށްފަހުނަމަވެސް، އެބިލް މިނިވަން މުއައްސަސާތަކުގެ ކޮމީޓިން ފާސްކުރި ގޮތްނޫން އެހެން ގޮތަކަށް އެބިލް ހުށަހަޅާފައިވާކަމަށް އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ 6 މެންބަރަކު ސޮއިކުރައްވައި، ފޮނުއްވި ސިޓީ ފޮނުއްވުމުން މިމައްސަލަ ދިރާސާކުރެއްވިއިރު ކޮމެޓީގެ މުޤައްރިރުގެ ގޮތުގައި ހުނެނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމްވަނީ އެކަން ދޮގުކުރައްވާފައެވެ.
މިސިޓީގައި ސޮއިކުރެއްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކާއި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހަތަރު މެންބަރެކެވެ.

އެމެންބަރުންނަކީ:
1- ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު.
2- ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސެއިން.
3- ގައްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ރަޝީދު.
4- ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް.
5- ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް.
6- ފުނަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ސަލީމް.

އަދިކޮމިޝަންތަކުގެ ބިލު ދިރާސާކުރި 11 މެންބަރުން ހިމެނޭ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުޤައްރިރަކަށް ހުނެނެވި މެންބަރު ރޮޒޭނާގެ ނަން އެމް.ޑީ.ޕީން ނެގުމުން އެކޮމެޓީގެ މުޤައްރިރަކަށް ވިލިފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ރިޔާޒް ރަޝީދުވަނީ އައްޔަންކުރައްވާފައެވެ.

ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ މަޖިލީހުގައި އޮވެމެ، ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސްނުވުމުން އެކަމުންގެ ކަންބޮޑުވުން ރައީސް ޞާލިޙް ފާޅުކުރައްވާފައިވެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީގެ މެންބަރުންދަނީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރުންނަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްވެސް ހިމެނޭހެން ފާޑުވިދާޅުވަމުންނެވެ.

ކޮމެޓީގެ ކުރީގެ މުޤައްރިރު ރޮޒޭނާ އާދަމް މިއަދި ވިދާޅުވީ 18ވަނަ ރައްޔިތުންގެ މަޖިލީހަކީ ފެށުނީއްސުރެވެސް މެޖޯރިޓީ މެންބަރުން އެއްބައިވެގެން ކަންކަން ނިންމަމުންއައި މަޖިލީހެއްކަމަށާއި، މަޖިލީހުގެ ރައީސް ބަދަލުވިއަސް މިއަދުގެ ޙަޤީގަތަކީވެސް ކުރިން ވަކިބަޔަކު ބޭނުންވިގޮތަށް މަޖިލީހުގެ ތެރެއިން ކަންކަން ނިންމިގޮތަށް މިހާރުވެސް އެކަން ތަކުރާރުވަމުންދާކަން ކަމަށެވެ.

ކުރީ ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ބެލުމަށާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައިސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފައްދާފައިވާ ދެކޮމިޝަނަށް ޤާނޫނީބާރު ދިނުމަށް ހުށައެޅި ބިލު ފާސްނުވެ ލަސްވަމުންދާއިރު، މިބިލް ފާސްވިޔަ ނުދިނުމަށް އިދިކޮޅު ކެނޑިޑޭޓުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ މެންބަރުން ގުޅިގެން މަސައްކަތްކުރާކަމުގެ ތުހުމަތުތަކެއް އާންމުފަރާތްތަކުންވެސް ދަނީ ކުރަމުންނެވެ. އަދި ޖުމްރޫރީ ޕާޓީގެ މެންބަރުންގެ ތެރެއިން ބިލަށް ވޯޓުދޭން ޙާޒިރުނުވާ މެންބަރުންގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމުން ކުއްލިއަކަށް ޕީ.ޕީ.އެމުން ވަކިވެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް މެންބަރުން ހިމެނުމުން އެމެންބަރުން މިބިލަށް ތާއީދުނުކުރައްވާނެކަން ކުރިންވެސް އެނގޭކަމަށް ޢާއްމުން ބުނެއެވެ.

އަދި ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހުން ފާސްނުވެ ލަސްވެގެންދަނީ، ބައެއް މެމްބަރުންގެ ޒާތީ މަސްލަހަތު އެކަމުގައިއޮތުމުން ކަމަށް ބެލެވޭކަމަށް ޚުދު ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްވެސް ވަނީ ވިދާޅުވެފައެވެ.