ޚަބަރު

ރާއްޖެއިން ޖަރުމަނަށް ކަނޑައެޅުއްވި ސަފީރު މަޤާމުގެ ފަތްކޮޅު އެޤައުމުގެ ރައީސަށް އަރުއްވައިފި


ދިވެހިރާއްޖެއިން ޖަރުމަން ވިލާތަށް ކަނޑައެޅުއްވި ސަފީރު އަޙްމަދު ލަޠީފު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޖަރުމަންގެ ރައީސް ފްރޭންކް ވޯލްޓަރ ޝްޓައިންމަޔަރއަށް އަރުވައިފިއެވެ.

އަޙްމަދު ލަތީފުގެ މަގާމުގެ ފަތްކޮޅު އެރުވީ، އެކަމަށްޓަކައި ޖަރުމަނުވިލާތުގެ ރައީސްގެ ރަސްމީ ގެކޮޅު، ޝްނޮސް ބެލެވޫގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޖަރުމަން ވިލާތުގެ ރައީސް ވަނީ ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ މުނާސަބަތުގައި ލަޠީފަށް ތަހުނިޔާ ދަންނަވައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި ލަތީފު ވަނީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި އިޤްތިސާދީ ގޮތުން ރާއްޖެއަށް އެންމެ ފައިދާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަން ފާހަގަ ކުރައްވައި ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ ޖަރުމަނުންކަން ސަފީރު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ސަފީރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ހެޔޮއެދުމާއި ތަޙުނިޔާ ޖަރުމަނު ވިލާތުގެ ރައީސަށް އަރިސްކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒީނާ އަޙްމަދު ދީދީ އާއި، ޖަރުމަންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.