ޚަބަރު

ހުޅުލާމެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ އިމާރާތަކުން ވެއްޓި ޗައިނާ މީހަކު މަރުވެއްޖެ


ހުޅުލާމެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ޢިމާރާތަކުންވެއްޓި ޗައިނާ މީހަކު މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 08:29 ހާއިރުކަމަށެވެ. އޭނާ ވެއްޓިފައިވަނީ އެއިމާރާތުގެ ނުވަ ވަނަ ފަންގިފިލާއިން ދެވަނަ ފަންގި ފިލާއަށް ކަމަށެވެ.

މަރުވި ޗައިނާ މީހާ ހުޅުމާލެ ހޮސްޕިޓަލަށް މިހާރު ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލު ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މިފަދަ ހާދިސާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 17ވަނަ ދުވަހު ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބިދޭސީއަކުވަނީ މަރުވެފައެވެ.
އަދި މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކުޑަ އަންހެންކުއްޖަވެސް ވަނީ މަރުވެފައެވެ.

މިކަންކަމާ ގުޅިގެން ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކޮށް އެކަންކަން ހަރުދަނާގޮތެއްގައި ބެލެހެއްޓުމާއި، މިފަދަ ކަންކަމުގެ އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.