ޚަބަރު

ރީރަޖިސްޓްރީ ވުމަށް ރެއާއި ހަމައަށް ފޯމު ހުށަހަޅާފައިވަނީ 5000 މީހުން - އީސީ


ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމީހަކު ރަށްވެހިވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވާން ހުޅުވާލާފައިވާ ފުރުޞަތުގައި ރެއާހަމައަށް ފަސް ހާސް މީހުން ފޯމު ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ރީ-ރަޖިސްޓްރީވާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18އިން މިއަދު މެންދުރުފަހު ތިނެއްޖެހުމާހަމައަށެވެ.

މިފުރުސަތުގައި ރީ-ރަޖިސްޓްރީކުރަން ޖެހެނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުލީ ތަން ނޫން އެހެންތަނެއްގައި ވޯޓުލާ ބޭނުންވާ ފަރާތްތައް އެކަންޏެވެ. ނަމަވެސް މީގެތެރޭގައި މިފަހަރުގެ އިންތިޚާބުގައި ވޯޓުފޮށި ނުބަހައްޓާ ފަސް ރިސޯޓާއި، ރާއްޖޭގެ ފަސް ޖަލު ނުހިމެނެއެވެ. އެހެންކަމުން އެތަންތަނުގައި ކުރިން ވޯޓުލީ ފަރާތްތަކުންވެސް ރީ-ރަޖިސްޓްރީވާން ޖެހެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ ރީރަޖިސްޓްރޭޝަނަށް ހުޅުވާލި ފުރުސަތުގައި ރެއާހަމައަށް ފަސްހާސް މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށް. ޝަރީފް ވިދާޅުވީ މިއަދު ވަރަށް ގިނަބަޔަކު ރީ-ރަޖިސްޓްރީވާން ކިއު ހަދާފައިވާކަމަށާއި، މިއަދުގެ 15:00އާ ހަމައަށް ގިނަބަޔަކު ރީ-ރަޖިސްޓްރީވާން ކިއޫހަދާފައި ނެތްނަމަ ވަގުތު އިތުރުނުކުރައްވާނެކަމަށެވެ.

ފާއިތުވެދިޔަ ރިޔާސީ އިންތިޚާބުގައި ރީ-ރަޖިސްޓްރީކުރި ނުވަދިހަ އިންސައްތަ މީހުން މަޖިލިސް އިންތިޚާބަށްވެސް ރީ-ރަޖިސްޓަރ ވެފައިވާތީ މިފަހަރު ރީރަޖިސްޓްރީ ވާންޖެހެނީ ނިސްބަތުން މަދު ޢަދަދެއްގެ ބައެކެވެ.

އަންނަ އޭޕްރީލް މަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ މަޖިލިސް އިންތިޚާބުގައި ޕްރައިމަރީތަކުން ނާކާމިޔާބުވި ފަރާތްތަކަށް ކުރިމަތިލެވޭގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މިމަހުގެ ހަތަރުވަނަ ދުވަހާހަމައަށް ކުރިމަތިލާން ހުޅުވާލާފައިވާ ފުރުސަތުގައި މިހާތަނަށް ފޯމް ހުށައަޅާފައިވަނީ އެންމެ މީހެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މަޖިލިސް އިންތިޚާބުގައި އޮބަޒާވަރުގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދި ފަސްހާސް މީހުން ފޯމް ހުށަހަޅާފައިވާކަމަށް އީސީން މަޢުލޫމާތުދެއެވެ.

އަށްޑިހަ ހަތް ދާއިރާއަކަށް ކެނޑިޑޭޓުން އިންތިޚާބުކުރާ މިއިންތިޚާބުގައި ވާދަކުރުމަށް ކުރިން ހުޅުވާލި ފުރުސަތުގައި ތިންސަތޭކަ ނުވަދިހަ ހަތަރު މީހަކުވަނީ ފޯމު ހުށަހަޅާފައެވެ. މަޖިލިސް އިންތިޚާބުގައި ފަސް ސަތޭކަ ހަތް ވޯޓުފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މިއިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަސްސަތޭކަ އަށްޑިހަ ނުވަ މީހުންނެވެ.