ޚަބަރު

ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަހާސިންތާއެއް ބާއްވަނީ


ދިވެހި ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރުމަށްޓަކާއި އާންމުންގެ ޚިޔާލު ހޯދުމަށް ޚާއްސަ މަހާސިންތާއެއް ބާއްވަން ނިންމަވައިފިއެވެ.

ޕީ.އެސް.އެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓާރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މިމަހުގެ 5ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިމަހާސިންތާގައި 22 ގުރޫޕަކަށް އަމާޒުކުރައްވައިގެން މަސައްކަތްކުރައްވަން ނިންމަވާފައިވާކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކާއި ކުޅިވަރުގެ ދާއިރާއާއި ޢާއްމުންގެތެރެއިން މީހުންނަށްވެސް ބައިވެރިވެވޭގޮތަށް ކަނޑައަޅުއްވާފައިވާކަމަށެވެ. ފުލުހުންގެ މަސައްކަތްތަށް ހަރުދަނާކޮށް އިސްލާޙުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކާމެދު މިމަހާސިންތާގައި ޚިޔާލު ހުށަހެޅޭނެ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

މި މަހާސިންތާގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް މިހާރުވަނީ ޢާއްމުންނަށް ހުޅުވާލާފައެވެ. މަހާސިންތާގައި ބައިވެރިވުމުގެ އެންމެ ފަހު މުއްދަތަކީ މާދަމާގެ 18:00 ގެ ކުރިންނެވެ.