ޚަބަރު

މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް "އަވަސް"ގެ ނާއިފް އިންތިޚާބުކޮށްފި


މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ދުވަހު ނޫސް "އަވަސް އޮންލައިން"ގެ މެނޭޖިންގ އެޑިޓަރު އަޙްމަދު ނާއިފް އިންތިޚާބު ކޮށްފިއެވެ.

އެމްއެމްސީގެ މެމްބަރު ކަމަށް ނާއިފް އިންތިޚާބުވީ އެކައުންސިލުން ހުސްވެފައިވާ މެންބަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ވާދަކުރެއްވި "ނޫނު އިންފޯ"ގެ އަޙްމަދު ނައުޝާދުގެ މައްޗަށް ބޮޑު ތަފާތުން ކުރި ހޯއްދަވައިގެންނެވެ.

އެމްއެމްސީއަށް މެމްބަރަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލެއްވި 85މީޑިއާގެ ތެރެއިން، ނާއިފަށް 63 ފަރާތަކުން ވޯޓު ދެއްވިއިރު، ދިވެހި ރާއްޖޭގެ އަޑުގައި މަސައްކަތް ކުރެއްވުމަށްފަހު މިފަހަރު ނޫނު އިންފޯއިން ވާދަކުރެއްވި ނައުޝާދަށް ލިބިވަޑައިގެންނެވީ ނުވަ ވޯޓެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރަކަށް އިންތިޚާބު ކުރެއްވި ނާއިފް ވަނީ މީޑިއާގެ ދާއިރާގައި 8އަހަރު ހޭދަ ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ދުވަހު ނޫސް "ސަން އޮންލައިން"އާއި ހަވީރު ނޫހުގެ އިތުރުން ދިއެފްއެމްގައި ވެސް މަސައްކަތް ކުރައްވާފައެވެ.

މީޑިއާ ކައުންސިލްގެ މެމްބަރު ކަމުގެ ގޮނޑިއެއް ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި، ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރު އަލީ ޔޫސުފްގެ މެމްބަރުކަމުގެ ދައުރު ހަމަވުމުންނެވެ. މީޑިއާ ކައުންސިލްގައި ތިއްބަވަނީ 15 މެމްބަރުންނެވެ. އެއީ މީޑިއާތައް ތަމްސީލު ކުރާ އަށް މެމްބަރުންނާއި އާންމުންގެ ތެރެއިން އެ ކައުންސިލަށް އިންތިޚާބު ކުރާ ހަތް މެމްބަރުންނެވެ.