ޚަބަރު

އޯއައިސީއަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ - މިނިސްޓަރ ޝާހިދު


އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީ އުފެއްދި މަޤްޞަދާއި އެ ޖަމާޢާތުގެ ލަނޑުދަނޑިތައް ޙާސިލްކުރުމުގައި ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މި ޔަޤީންކަން ދެއްވާފައިވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަޙްމަދު އަލްޢުތައިމީންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން އޯއައިސީން އިސްލާމީ އުންމަތުގެ ސުލްހަޔާއި މަސްލަހަތަށްޓަކައި ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވެ، އެ ޖަމާއަތަށް ދިވެހިރާއްޖެއިން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޝާހިދު ވަނީ
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވުމުގައި ދެއްކެވި ލީޑަރޝިޕަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަރައްޤީގެ މަގުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން އޯއައިސީއާއި އދ ފަދަ ޖަމާޢަތްތަކުގައި ދެޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި ޚާރިޖީ ވަޒީރު ޝާހިދު ވަނީ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ފަލަސްތީން، އިންޑިއާ، ބަންގްލަދޭޝް، ރުމޭނިއާ، އުރުދުން، ކުވައިތު، ކޮސޯވޯ އަދި އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒުގެ ސްޓޭޓް މިނިސްޓަރާއި މިސްރުގެ ޚާރިޖީ ވަޒީރުގެ ނައިބުގެ އިތުރުން މި ބައްދަލުވުމަށް އިރާޤާއި ސަރބިއާ އިން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

އޯއައިސީ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ނިންމާލާފައިވަނީ އަބޫދާބީ ޑެކްލަރޭޝަން އާއި އެހެން ބައެއް ރިޒޮލިއުޝަންތައް ޤައުމުތަކުން ބަލައިގަތުމަށްފަހުއެވެ. އަހަރަކު އެއް ފަހަރު އޮންނަ އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓަރސް މީޓިން އަކީ މެމްބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އަހަރީ ބައްދަލުވުމެކެވެ. އޯއައިސީ ޚާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުން އޮންނާނީ 2020 ވަނަ އަހަރު ނައިޖަރގައެވެ.

އޯއައިސީއަކީ މުސްލިމުންގެ އަޑު އުފުލައި މުސްލިމު ޤައުމުތަކުގެ މެދުގައި ސުލްހަ އާއި ހަމަޖެހުން ޤާއިމްކުރުމުގެ ގޮތުން 1969 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ އިސްނެންގެވުމާއެކު އުފެއްދެވި ޖަމްޢިއްޔާއެކެވެ. މެމްބަރު 57 ޤައުމު ހިމެނޭ އޯއަސީގެ މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުއެވެ.