ޚަބަރު

ރާއްޖެއާ ނޯވޭއިން ޝައުގުވެރިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖެއާއި ނޯވޭއިން ޝައުޤުވެރިވާ މުހިންމު ކަންކަމާބެހޭގޮތުން ނާއިބު ރައީސް ފައިސަލް ނަސީމާއި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ނޯވޭގެ ސްޓޭޓް ސެކްރަޓަރީ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރައްވާފައިވަނީ، ނޯވޭގެ ސްޓޭޓް ސެކްރެޓަރީ މެރިއަން ހޭގަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތައްފަހު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިބައްދަލުކުރެއްވުމުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި އިޖްތިމާޢީ ރައްކާތެރިކަމާއި އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި އަންހެނުން ބާރުވެރިކުރުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމާއި ޑިމޮކްރަސީއާ ބޭހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ނޯވޭ ސަރުކާރުގެ ފަރާތުން އެކި ޤައުމުތަކުގެ އިޖްތިމާޢީ ކުރިއެރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި ރާއްޖެއަށް މިހާރު ދަނީ އެދެވޭ ބަދަލުތަކެއް އަންނަމުންކަން ފާހަގަކުރައްވައި، މިގެނެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިންނަށް ފަހިމުސްތަޤުބަލެއް ލިބޭނެކަމުގެ އުންމީދު އެބައޮތްކަން ނާއިބު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ބާރުއަޅުއްވަނީ ކައުންސިލްތައް ބާރުވެރިކުރުވައި، ރާއްޖޭގެ އިޤްތިޞާދީދުވެލި ހަލުއިކުރެއްވުމަށް ކަމަށާއި، ޚާއްޞަކޮށް އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ބާރުއަޅުއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނޯވޭގެ ސްޓޭޓް ސެކްރެޓަރީ ރާއްޖެއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި ނާއިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދާއި އެންވަޔަރަންމެންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ހަސަނާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއެކު ބައްދަލުކުރެއްވުންތައް ކުރިއަށްގެންދަވާނެއެވެ.

މިދަތުރުފުޅުގެ ސަބަބުން ދެޤައުމުން ޝައުގުވެރިވާ ދާއިރާތަކުން، ޚައްސަގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބެކެހެއްޓުމާއި އިޤްތިޞާދީ ކުރިއެރުމާއި ކަނޑުތައް ތަޣައްޔަރުވުމާ ގުޅޭގޮތުން ދެޤައުމުގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ރާއްޖެއާއި ނޯވޭއާދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި އިޤްތިސާދީގުޅުން އިތުރަށް ހަރުދަނާވުމުގެ ފުރުސަތު މިދަތުފުޅުގެ ސަބަބުން ފަހިވެގެންދާނެކަމަށް ނޯވޭ އެމްބަސީން މައުލޫމާތުދެއެވެ.