ޚަބަރު

ޕޯޗުގަލްގެ އައު ސަފީރުގެ ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި


ޕޯޗުގަލްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކަރލޮސް ޖޯސް ޑެ ޕިންހޯ ޕެރޭރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޕޯޗުގަލްގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާއި ބައްދަލުކުރައްވައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގެންނެވި ކަމަށްޓަކައި ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ ޕޯޗުގަލްގެ އައު ސަފީރުގެ މިދައުރުގައި ރާއްޖެއާއި ޕޯޗުގަލްއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ދެބޭފުޅުން ވަނީ ޤަރުނުތަކެއް ކުރިން ދެޤައުމުގެ ދެމެދުގައި ހިނގާފާވާ ތާރީޚީ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ވޭތުވެދިޔަ ތަނަށްވުރެ ކުރިޔަށް އޮތްތާންގައި ވާންހުރި ރަނގަޅު ކަންތައްތަކަށް އަހަމިއްޔަތުކަން ދިނުމުގެމައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ދެބޭފުޅުންގެ ދެމެދުގައި ދެއްކެވި ވާހަކަފުޅުގައިވަނީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގައި އާ ފެށުމަކުން ފެށުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެޤައުމުގެ ދެމެދުގައި ކުޅިވަރުގެ ރޮނގުން ގުޅުންބަދަހިކުރެއްވުމާއި، އިޤްތިޞާދީ ގޮތުންނާއި އިޢާދަކުރަނިވި ޙަކަތަ އުފެއްދުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި ބޭހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޕޯޗުގަލްގެ އައު ސަފީރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ޚިދުމަތް ކުރެއްވުމަށް ފުރުޞަތު ލިބި ވަޑައިގެންނެވުމަކީ އޭނާއަށް ލިބިވަޑައިގެންނެވި ފަޚުރެއްކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.