ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބ.ތުޅާދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ތުޅާދޫގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވިއެވެ.

ތުޅާދޫ ކައުންސިލް މެމްބަރުންވަނީ ރަށުގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސް ޞާލިޙާއި މަޝްވަރާ ކުރައްވާފައެވެ. އަދި ތުޅާދޫގެ ގިނަރައްޔިތުން ރަށުން ބޭރަށް ހިޖުރަ ކުރަމުންދާކަން ފާހަގަ ކުރައްވައި، ރަށުގައި މުހިންމު އުމްރާނީ ވަސީލަތްތަކެއް ޤާއިމުކުރެވިއްޖެނަމަ އެކަމަށް ހައްލު ލިބިގެންދާނެކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އިޤްތިޞާދީ ގޮތުންނާއި ޢުމްރާނީ ގޮތުން ތުޅާދޫއަށް ތަރައްޤީ ގެނައުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ތުޅާދޫ ކައުންސިލްގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުންވެސް ޚިޔާލު ބަދަލު ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވުމުގައި އެރަށެއްގެ ރައްޔިތުން އެންމެ އެދޭ ގޮތަށް ކަންތައް ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.