ޚަބަރު

ޑިފެންސް މިނިސްޓަރ މަޢާފަށް އެދިވަޑައިގެންފި


ދާދިފަހުން އިންޑިއާގެ ނޫސް ޗެނަލަކަށް ދެއްވި އިންޓަވިއުގައި ދެންނެވުނު ވަހަކަތަކާމެދު އަރާފައިވާ އޮޅުންތަކާއި، އުފެދިފައިވާ ހިންހަމަނުޖެހުންތަކަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ މާއާފަށް އެދިވަޑައިގެންފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުރެ ފާޅުކުރައްވަމުންދާ ސިޔާސަތުތަކުން ނުވަތަ ވާހަކަފުޅުތަކުން، ދިފާއީވަޒީރުގެ ޒިންމާތައް އަދާކުރެވޭ ކަމަށް ދެކެވަޑައިގަންނަވަންތޯ ކުރެވުނު ސުވާލާއިގުޅިގެން އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުޞަތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، އިންޑިއާގެ ނިއުސް ޗެނަލަކަށް ދެއްވި އިންޓަވިއުގައި އެކަމަނާ ދެއްވަން ބޭނުންފުޅުވި މެސެޖަކީ އަވަށްޓެރި އިންޑިއާ އަކީ ބޮޑު ޤައުމެއްނަމަވެސް އިންޑިއާދެކެ ރާއްޖެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތްކަން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ 22 މިނެޓުގެ އެ އިންޓަވިއުގައި، އިންޑިއާއަކީ ވަރުގަދަ އަސްކަރީ ޤައުމެއްނަމަވެސް އެޤައުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އިހްތިރާމްކުރާ ޤައުމެއްކަމަށާއި، ދެޤައުމުގެ ދޭތެރޭގައި މުއާމަލާތުކުރަނީ ހަމަހަމަ ކަމާއި އެކުގައިކަން ފާހަގަކުރެއްވިކަމަށާއި، ބައެއްފަރާތްތަކުން ހިންހަމަނުޖެހުން ފާޅުކުރަމުންދަނީ މުޅި އިންޓަވިއުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގެތެރެއިން ފަސް ސިކުންތުގައި ދެންނެވުނު ވާހަކަކޮޅަށްކަމަށެވެ.

"އިންޑިއާ އަކީ އަޅުގަނޑުމެންގެ އުތުރުގައި އޮންނަ ބޮޑު އަވައްޓެރި ޤައުމެއްކަމަކު އަޅުގަނޑުމެން އިންޑިއާދެކެ ބިރުގަންނަންޖެހޭ ސަބަބެއް ނެތްކަމަށް. މިއީ އިނގޭތޯ އަޅުގަނޑު ދަންނަވާލަންބޭނުންވި ވާހަކައަކީ. ދެރަކަމަކީ ބައެއް ފަހަރު މިހެންދޭ އިންޓަރވިއުތަކުގައި، އާދެ ލައިވްކޮށްދޭ ނުވަތަ ލައިވްކޮށް ރިކޯޑްކުރެވޭ އިންޓަވިއުއެއްގައި އަލުން ޖަވާބު ދިނުމުގެ ފުރުސަރު ނޯންނަކަން. އެހެންކަމުން އަޅުގަނޑުގެ އިންޓަރވިއުގައި އެބުނެވުނު ބަސްކޮޅާއިމެދު ހިންހަމަނުޖެހުމެއް އުފެދި އޮޅުމެއްއަރާފައިވާނަމަ، އަޅުގަނޑު އެކަމަށް ނުހަނު އިޚްލާސްތެރިކަމާއެކު މައާފަށް އެދެން" ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ އެކަމަނާ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ސިފައިންގެ އިންޓަލިޖެންސް ޔުނިޓުން ނުވަތަ މަޝްވަރާ މަޖިލީހުންވެސް އެކަމަނާއާއި ސުވާލު ކުރައްވާފައި ނުވާކަމަށެވެ. ނަމަވެސް ރާއްޖެ ހިފައިގެން ބަޔަކު ތިބިކަން ހާމަވާފަދަ ގޮތަކަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތާކާމެދު ސިފައިންގެ އިންޓަލިޖެންސުން ކަންބޮޑުވުން ފާޅުކުރައްވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ އެފަދަ ވާހަކަތަކަކީ، ސީޔާސީ މަގުސަދެއްގައި ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުން އުފައްދަން ބަޔަކު ކުރާކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

"އެއްބައި ޤައުމުތައް ހަނގުރާމައިގައި އުޅޭ ދުވަސްކޮޅެއްގައި މިކަހަލަ ވާހަކަތަކެއްދެއްކޭތީ ކަންބޮޑުވުން ފާޅުކުރޭ. ޤައުމުން ބޭރުގެ އުދުވާނީ ފަރާތްތަކެއް ފައްސާލާވާހަކަވެސް އެބަދައްކާ. އެހެން ބުނީމަ ހީވަނީ އަޅުގަނޑުމެންގެ ޤައުމު ހިފައިގެން ބަޔަކު ތިބިހެން. މިތާކުން ބަޔަކު ފައްސާލާ ވާހަކަދައްކާކަށް ނުޖެހޭ. މިސުލްހަ ނަގާލާ، ހަމަނުޖެހުން އުފައްދާ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއު ބިރުވެރިކަން ވައްދައި، ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮންނަ އަޙުވަންތަކާމާއި، އުޚުއްވަތްތެރިކަން ނަގާލައި ބައިބައި ކުރުމުގެ ވިސްނުމެއްގައި ދައްކާ ހޮޅި ވާހަކަތަކެއް. ޤައުމީ ވަންތަކަމާއި ގުޅުވައިގެން ޖަހާ ސަކަރާތެއް އެއީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ދިވެހި ސިފައިންނަކީ ބާރުގަދަ ޤައުމުތަކާއި ގުޅިގެން އެފަދަ ފަރާތްތަކުގެ ކިބައިންވެސް ބާރުހޯދައިގެން، އެބާރުގައި ތިބެން ދަންނަ، އިލްމުހުރި ހޭލުންތެރި ހިތްވަރުގަދަ ބައެއްކަމަށެވެ.