ޚަބަރު

ހަސަން ޞާބިރަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި


ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރުކަމަށް ގަލޮޅު ފިޔާތޮށިގެ ޙަސަން ޞާބިރު އައްޔަން ކުރައްވައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރުކަމުގެ މަޤާމަށް ރާއްޖެއިން އައްޔަން ކުރެއްވި ޙަސަން ޞާބިރަށް މަޤާމުގެ ފަތްކޮޅު އެރުވުން އޮތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަމާއި ޓުއަރިޒަމްގެ މިނިސްޓަރގެ މަޤާމު ފުރުއްވާފައިވާ ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައިވެސް ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އެމަނިކުފާނު ފުރުއްވި މަޤާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި ޔޫރަޕިއަން ޔޫނިއަންނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަޤާމު ހިމެނެއެވެ.

ބެލްޖިއަމާއި ޔޫރަޕިއަން ޔޫނިއަންގެ ސަފީރުކަމުގެ މަޤާމަށް ހަސަން ސޯބިރު އައްޔަންކުރައްވާފައިވާއިރު، ރައީސް މައުމޫނުގެ ވެރިކަމާއި ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެމަނިކުފާނު އެމަޤާމަށް އައްޔަނުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.