ޚަބަރު

މަޤާމާއި މެދު ފަޚުރުވެރިވުމުގެ ބަދަލުގައި އިސްކަންދޭނީ އާންމު ޚިދުމަތަށް - މަރިޔަމް ޝަފީޤް


އާސަންދަ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނާއި ގުޅުހުންހުރި ކަންކަން އެންމެ ރަނގަޅުގޮތުގައި ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް އާސަންދަ ކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީޤް ވިދާޅުވެއްޖެ.

ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އުފައްދާފައިވާ އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް މަރިޔަމް ޝަފީޤު އައްޔަންކުރައްވާފައިވާކަން ޕްރައިވެޓޭޒޭޝަން ބޯޑުން މިއަދު ވަނީ ހާމަކުރައްވާފައެވެ. މިއާއެކު މަރިޔަމް ޝަފީގު ވެގެންގޮސްފައި މިވަނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ބޮޑު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ސްޓާފް ނަރުހެއްގެ ގޮތުގައި ގުޅިވަޑައިގެން، ސީނިއާ ނަރުހެއްގެ މަޤާމާއި ނާސް މެނޭޖަރއެއްގެ ގޮތުގައި މަރިޔަމް ޝަފީޤު ވަނީ މަސައްކަތްކުރައްވާފައެވެ. މަރިޔަމް ޝަފީގް ވަނީ ތައިލެންޑުން މެޑިކަލް އިކޮނަމީގެ ދާއިރާއިން ތައިލޭންޑުގެ ޗުލަރލޮންކޮންގ ޔުނިވަރސިޓީން މާސްޓަރ ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އުފެދުމާއެކު އެތަނުގައި އިސްމަޤާމްތަކެއްފުރުއްވައި އޭނާވަނީ އެންސްޕާގެ ސީއީއޯގެ މަޤާމްވެސް އަދާކުރައްވާފައެވެ. އޭނާ އެންމެފަހުން ހުންނެވީ އެލައިޑް އިންޝުއަރެންސްގެ މެނޭޖަރ ކްލައިމްސްގެ މަޤާމުގައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަރިޔަމް ޝަފީޤު ވިދާޅުވީ އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ލިބުމަކީ ޝަރަފެއްނަމަވެސް، ސަރުކާރުން އެނާއަށް އިތުބާރުކޮށް ހަވާލުކުރި މަސައްކަތް ޤާބިލްކަންހުރި މިންވަރުން ފުރިހަމައަށް އަދާކުރާނެކަމަށާއި، އިސްކަންދޭނީ ރައްޔިތުންނަށް ހިންހަމަޖެހޭފަދަ ކަންކަން އާސަންދައިގެ ތެރެއިން ކޮށްދިނުމަށްކަމަށެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ އެތަނުގައި ހުރި އިޝޫސްތައް ބަލާފަދެއްތޯ ކުރިއަށްގެންދެވޭނީ، ދެން އަޅުގަނޑުގެ ޤާބިލިކަން ހުރިވަރުން ހުރިހާކަމެއްވެސް ކުރާގޮތަށް މިހުރީ. އަޅުގަނދަށް އެވަރަށް ޓްރަސްޓްކޮށްފައި އެޕޮއިންޓް ކުރީމަ އަޅުގަނދަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން" މަރިޔަމް ވިދާޅުވިއެވެ.

އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރަކަށް މަރިޔަމް ޝަފީޤު ހަމަޖެއްސެވުމުގެ އިތުރުން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު 2 މެންބަރަކުވެސް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ އައްޔަނުކޮށްފައެެވެ. އެ 2 ބޭފުޅުންނަކީ ހ. އައިބަހާރު، އަމީލާ ލަޠީފާއި، މއ. ވިކްޓޮރީ، މުޙައްމަދު ޢާމިރެވެ.