ޚަބަރު

އިނގުރައިދޫ ކައުންސިލްގެ މެމްބަރުންނާ ރައީސް ޞާލިޙު ބައްދަލުކުރައްވައިފި


ރ.އިނގުރައިދޫއަށް ބޭނުންވެފައިވާ މުހިއްމު ޚިދުމަތްތަކެއް ނެތުމުން ރަށުގެ ތަރައްޤީއަށް ކުރިމަތިވާ ހުރަސްތައް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ޙިއްސާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އިނގުރައިދޫ ކައުންސިލާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލު މެމްބަރުންވަނީ އިނގުރައިދޫގެ މިހާރުގެ ޢާއްމު ޙާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރައްވާފައެވެ.

މިގޮތުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުގައި ތިބެގެން ޢާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ މާޙައުލެއް ބިނާވެފައިނެތުމުން ދިމާވާ ގޮންޖެހުންތަކާއި އިޖުތިމާޢީ މައްސަލަތައް ކައުންސިލް މެންބަރުން ޙިއްސާ ކުރެއްވިއެވެ.

މީގެއިތުރުން ނަރުދަމާ އަދި ފެނުގެ ޚިދުމަތާއި ބޭންކުގެ ޚިދުމަތާއި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މީގެ އިތުރުން އޮފީސް ޢިމާރާތުގެ ދަތިކަމާއި ޞިއްޙީމަރުކަޒުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވަމުންދާކަންވެސް އިނގުރައިދޫ ކައުންސިލުން ފާހަގަ ކުރެއްވިއެވެ. އަދި ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ޤާއިމުވެފައި ނެތުމުން ދިމާވާ ދަތިތަކާއި، ރަށުގައި ތިބެގެން އޭ ލެވެލާ ހަމައަށް ތަޢުލީމު ޙާސިލު ކުރެވޭނެ މަގުފަހިވުން ބޭނުންވާކަމުގައި ކައުންސިލުން ހާމަކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.