ޚަބަރު

ޑިފެންސް މިނިސްޓަރުގެ އިތުބާރު ނެތް މައްސަލަ ފަސްކޮށްފި


އިތުބާރު ނެތް މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި ނެތުމުން، ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ މަޑުޖައްސާލައިފިއެވެ.

ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މަޑުޖައްސާލިކަން ރައްޔިތުންގެ މަޖިލީހުގެ ބުދަދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވަނީ އިޢުލާން ކުރައްވާފައެވެ.

ރިޔާސަތުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމުގައިވާފަދައިން އިތުބާރުނެތް މައްސަލަތަކުގައި ޢަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ޤަވާއިދުގައި އަދި ހިމަނުއްވާފައިނުވާކަމަށެވެ. އެހެންކަމުން މަޖިލީހުގެ ޤަވާއިދަށް އެއިސްލާހު ގެނެސް ފާސްކުރުމުން މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކުރައްވާނެކަމަށެވެ.

އިދިކޮޅު ޕީޕީއެމްގެ 14 މެމްބަރުންގެ ސޮޔާއެކު މިދިޔަ މަހުގެ 25ވަނަ ދުވަހު ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ދިހަ މެންބަރުން ސޮއިކޮށް، ވަޒީރެއްގެ އިތުބާރު ނެތްކަމުގެވޯޓުނަގަން ހުށަހެޅިދާނެކަމަށެވެ. އެހެން ނަމަވެސް އިތުބާރު ނެތްކަމަށް ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ކަމަށްވާ، 43 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
މަޖިލީހުގެ ޤަވާއިދުގެ 39ވަނަ މާއްދާގައި ވަނީ ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމުން މަޖިލީހުގައި ބަހުސް ފެށުމުގެ 14ދުވަސް ކުރިން އެވަޒީރަކަށް އަންގަންވާނެކަމަށެވެ. އަދި ލިޔުމުންނާއި އަނގަބަހުން އޭނާގެ ދިފާޢުގައި މަސައްކަތްކުރެއްވުމުގެ ޙައްޤު އެވަޒީރަކަށް ލިބެންވާނެކަމަށް ބަޔާންކޮށްފައިވެއެވެެ.

އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން ޢަމަލުކުރާނެގޮތް ސުޕްރީމް ކޯޓުން 2017ވަނަ އަހަރުގެ މެއި މަހުގެ 22ވަނަ ދުވަހު ކުރި ހުކުމެއްގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާވޯޓަކަށް ވާންޖެހޭނެކަމަށާ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކުރިޔަސް އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ހުކުމްގައިވެއެވެ.