ސިޔާސީ

ރައީސް ޔާމީންގެ ސިއްޙީ ހާލުކޮޅު ރަނގަޅެއް ނޫން- ޕްރޮގްރެސިވް ކޯލިޝަން


ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސިއްޚީ ހާލުކޮޅު ރަނގަޅު ނޫންކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރެއްވުމަށްފަހު އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ހައްޔަރުކުރައްވާފައި ވަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި ސަރުކާރުގެ ބޭނުމަކީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށެވެ.

ޢަބުދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ބަދަލުކުރެއްވިފަހުން އެމަނިކުފާނުގެ ސިއްޚީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނު އެކަހެރިކޮށްފައި ނުބެހެއްޓުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ޑޮކްޓަރުންގެ އިރުޝާދާއި ޚިލާފަށް މި ސަރުކާރުން ކަންތައް ކުރައްވަނީ ވަރަށް އިހާނެތިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަނޑައެޅިގެން ދަންނަވަން ކެރޭ ރައީސް ޔާމީން ހައްޔަރުކުރައްވާފައި ހުންނެވީ ސިޔާސީ ބޭނުމަކަށް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށް. އެހެން ނޫން ނަމަ ޑޮކްޓަރުން އިރުޝާދު ދެއްވާފައި ވަނިކޮށް އެއަށް ބެލުމެއްނެތި ކީތްވެތޯ ހައްޔަރު ކުރައްވަންވީ؟." އަބުދުއްރަހީމް ވިދާޅުވިއެވެ.

މި ބައްދަލުވވުމުގައި ޕީއެންސީގެ ނާއިބް ރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ އެމަނިކުފާނަށް ދެމުން އަންނަނީ ޙައްގު އަދަބު ނޫން ކަމަށާއި އެމަނިކުފާނަކީ އެފަދަ ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީންގެ ސިއްޚީ ހާޅުކޮޅު ރަނގަޅު ނޫން ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާތީ، އެނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ ތަޙްޤީޤު ނިމެންދެން ގެއަށް ބަދަލުކޮށްދިނުމަށް ރައީސް ޞާލިޙްގެ އަރިހުގައި އާއިލާގެ ފަރާތުންނާއި ޕާޓީގެ ފަރާތުންވެސް އެދިފައިވާނެ ކަަމަށެވެ.

"އަޅުގަނޑުމެން ދެ ޕާޓީގެ ފަރާތުން ރައީސް ޞާލިޙަށް ދަންނަވާފައި ވާނީ ރައީސް ޔާމީންގެ ފެމިލީގެ ފަރާތުންވެސް އެދިފައި ވާނީ ރައީސް ޔާމީން ގޭގައި ބަހައްޓައިގެން ތަހުގީގު ކުރަން. އެއީ ހެއްކެއް ފޮރުއްވަން އުޅޭ ބޭފުޅެއް ނޫން. ތަހުގީގު ކުރިއަށް ނުގެންދާކަށް ނުބުނަން." ސައީދު ވިދާޅުވިއެވެ.

ދައުލަތުން ދައުވާކުރާ މަނީލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކޯޓުން ހުކުމްކޮށްފައިވަނީ މި މައްސަލައިގެ ތަޙްޤީޤަށް ނުފޫޒު ފޯރުވުމަށާއި ހެކި ފޮރުވުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުގައެވެ.

ރައީސް ޔާމިންގެ ސިއްޚީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފައިވާއިރު، އެމަނިކުފާނު ހައްޔަރު ކުރެއްވިފަހުން ދެ ފަހަރެއްގެ މަތިން އަޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާދީފައެވެ. އަދި މިމައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.