ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އޯއެޗްސީއެޗްއާރގެ ވަފުދާއި ބައްދަލުކުރައްވައިފި


އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ދިވެހި ސަރުކާރަށް އެހީތެރިވެ ލަފާ އެރުވުމަށް އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ އޯއެޗްސީއެޗްއާރގެ ފަރާތުން ވަޑައިގެން އުޅުއްވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށްޓަކައި އދ.ގެ އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސް (އޯއެޗްސީއެޗްއާރ)ގެ ފަރާތުން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ވަފުދާއި މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުން މަޖިލިސްކުރާ ގޭގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމް ވަނީ އޯއެޗްސީއެޗްއާރގެ ވަފުދަށް މަރުޚަބާ ވިދާޅުވެ އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. އަދި ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުމާ ގުޅޭގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި އޯއެޗްސީއެޗްއާރގެ ރޫލް އޮފް ލޯ، އީކުއަލިޓީ، އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗްގެ އިސްވެރިޔާ، މޯނާ ރިޝްވާމް ވަނީ އެބޭފުޅުން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ މަޢުލޫމާތު ހިއްޞާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާޞިމް އިބްރާހީމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުންވަނީ ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް އިދާރާތަކާއި މިނިވަން ބައެއް މުއައްސަސާތަކާއި މަރާލާފައިވާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ޖަލުތައް އޮޑިޓްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި މީހުން ބަންދުކޮށްފައި ބައިތިއްބާ ބައެއް ތަންތަނަށްވެސް މި ވަފުދު ވަނީ ޒިޔާރަތް ކުރައްވާފައެވެ.