ޚަބަރު

ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަނަކަށް ޑރ.މުޙައްމަދު ކިނާނަތު ޢައްޔަންކުރައްވައިފި


މޯލްޑިވްސް ހައްޖުކޯޕަރޭޝަންގެ ޗެއަރމަން ކަމުގެ މަޤާމަށް މއ. ބޮޑުދަހަރާގޭ ޑރ. މުޙައްމަދު ކިނާނަތު އައްޔަންކުރައްވައިފިއެވެ.

ހައްޖު ކޯޕަރޭޝަންގެ ޗެއަރމަންކަމުގެ މަޤާމަށް ޑރ. މުޙައްމަދު ކިނާނަތު އައްޔަންކުރައްވާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެރިކަމާއި ހާވާލުވެވަޑައިގެން، ސަރުކާރުގެ އެކި ކުންފުނިތަކުގެ ބޯޑުތަކުގެ އިސްވެރިން ވަކިކުރެއްވި އިރު މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުނެވި އިދުރީސް އިސްމާއިލް އެމަގާމުން ވަކިކުރެއްވިތާއި، ތިންމަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެެ.

ޙައްޖުކޯޕަރޭޝަނުގެ ޗެއަރމަނަކަށް އައްޔަންކުރެއްވި ޑރ. މުޙައްމަދު ކިނާނަތުއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޤައުމީޔުނިވަރސިޓީގެ އިތުރުން ވިލާ ކޮލެޖްގައިވެސް އިސްމަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެެކެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަކީ، ރާއްޖެއިން ޙައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާއި އެކު މި އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ޙައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާ ނިޒާމެއް ޤާއިމުކުރުމަށް އުފެއްދެވި ކޯޕަރޭޝަނެކެވެ. މިކޯޕަރޭޝަން އުފެއްދުމާއެކު ކޮންމެ އަހަރަކު ރާއްޖެއިން ގިނަ މީހުން ހައްޖަށް ގެންދިއުުގެ އެންމެހާ އިންތިޒާމްތައް ވަކި އުސޫލުތަކެއްގެ ދަށުބް ކުރިއަށްގެންދަނީ އެކޯޕަރޭޝާނުންނެވެ.

ހައްޖުކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ ދިވެހި ސަރުކާރުގެ ކުންފުންޏެކެވެ.