ޚަބަރު

"މަޖިލިސް ބަހުސް 2019" ޕީއެސްއެމްއިން ފަށައިފި


އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ޕީއެސްއެމުން ބާއްވާ "މަޖިލިސް ބަހުސް 2019" މިއަދު ފަށައިފިއެވެ.

"މަޖިލިސް ބަހުސް 2019" މިއަދު ފެށިގެންދާއިރު ހއ. އަތޮޅުގެ ފަސް ދާއިރާގެ ބަހުސް މިއަދު ކުރިއަށްގެންދާނެއެވެ. ފުރަތަމަ ބަހުސް އޮތީ މިއަދު ހެނދުނު 10:30 ގައެވެ. މިބަހުސްތައް ޕީއެސްއެމްގެ ޓީވީއެމް އާއި ނިއުސް ޗެނަލްއިން އަދި ދިވެހިރާއްޖޭގެ އަޑުން ވަގުތުން ގެނެސްދޭނެއެވެ.

މި ބަހުސަކީ އަންނަ އަންމަ މަހުގެ 6 ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ތަޢާރަފްކޮށް، ދާއިރާ ތަރައްޤީކުރުމުގައި ކެނޑިޑޭޓުންގެ ވިސްނުން ހުރިގޮތް އެ ދާއިރާއެއްގެ ރައްޔިތުންނާއި ޙިއްސާކުރުމަށް ފުރުޞަތު ދިނުމުގެ ގޮތުން ބާއްވާ ބަހުސެކެވެ.

"މަޖިލިސް ބަހުސް 2019" ގައި ބައިވެރިވުމަށް އެއްވެސް ސިޔާސީ ޕާޓީއެއް ތަފާތުކުރުމެއްނެތި، ހުރިހާ ކެނޑިޑޭޓުންނަށްވަނީ ބައިވެރިވުމުގެ ފުރުޞަތުދީފައެވެ. އަދި އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްވެސް މި ބަހުސްގައި ބައިވެރިވުމުގެ ފުރުޞަތުވަނީ ދީވެފައެވެ.

މިއަދުން ފެށިގެން މިމަހުގެ 28 ގެ ނިޔަލަށް ކުރިއަށްގެންދާ މަޖިލިސް ބަހުސްގެއިތުރުން ، މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ކުރިއަށްދާއިރު ޕާޓީތަކަށް އެ ޕާޓީއަކުން ބޭނުންވާ ދެ އިވެންޓެއް، ހިލޭ ޓީވީއާއި، ރޭޑިއޯއިން ގެނެސްދިނުމުގެ ފުރުޞަތު ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވިޔަފާރި އުސޫލުންވެސް ވަގުތު ގަތުމުގެ ފުރުޞަތު ޕީއެސްއެމުން ވަނީ ހުޅުވާލާފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ނުވަ ސިޔާސީ ޕާޓީއާއި، އަމިއްލަގޮތުން ބައިވެރިވާ ކެނޑިޑޭޓުން ހިމެނޭހެން ޖުމްލަ 389 ކެނޑިޑޭޓުން ވާދަކުރާނެއެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހުއެވެ.