ދުނިޔެ

އިތިއޯޕިއަން އެއަރލައިންގެ ފްލައިޓެއް ވެއްޓިއްޖެ


އިތިއޯޕިއަން އެއަރލައިނުގެ ފްލައިޓެއް ވެއްޓިއްޖެއެވެ.

އިތިއޯޕިއަން އެއަރލައިނުގެ މި ފްލައިޓު ވެއްޓިފައިވަނީ، އިތިއޯޕިއާގެ އެޑިސް އަބަބާއިން ފުރައިގެން ކެންޔާގެ ވެރިރަށް ނައިރޯބީއަށް ދަތުރުކުރަމުން ދަނިކޮށެވެ. މި ފްލައިޓު ވެއްޓުނުއިރު 157 ފަސެންޖަރުން ދަތުރުކުރަމުން ދިޔަކަމަށް އިތިއޯޕިއަން އެއަރލައިނުން ބުނެއެވެ. މި ފްލައިޓުން ދަތުރުކުރި މީހުންގެ ތެރޭގައި 8 ކެބިން ކުރޫ އަދި 149 ފަސެންޖަރުން ހިމެނެއެވެ.

ވެއްޓުނު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓަކީ ބޮއިން 800-737 މަރުކާގެ ބޯޓެކެވެ. މިކަމާއި ގުޅިގެން އިތިއޯޕިއަން އެއަރލައިނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެޑިސް އަބަބާގެ ބޯލެ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކޮންޓްރޯލް ޓަވަރާއި ބޯޓުގެ ގުޅުން ކެނޑިފައިވަނީ، ހެނދުނު 08:45 ގައިކަމަށެވެ.


ފްލައިޓުން ދަތުރުކުރި އެއްވެސް ފަސެންޖަރެއް ސަލާމަތްވިކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައި ނުވާކަމަށްވެސް އިތިއޯޕިއަން އެއަރލައިނުން ބުނެއެވެ.

އިތިއޯޕިއަން އެއަރލައިނުގެ ދަތުރުތައް ފަށާފައިވަނީ، 1946 ވަނަ އަހަރުގެ އޭޕްރިލްމަހުގެ 8 ވަނަ ދުވަހުއެވެ. އިތިއޯޕިއަން އެއަރލައިނަކީ ސްޓަރ އެލިއަންސްގެ މެމްބަރެކެވެ. އިތިއޯޕިއަން އެއަރލައިނުން ބައިނަލްއަޤްވާމީ 44 މަންޒިލަކަށް ދަތުރުކުރެއެވެ. އިތިއޯޕިއަން އެއަރލައިނަކީ އެފްރިކާގެ އެންމެ ބޮޑު އެއަރލައިނެވެ. ފްލީޓުގެ އަދަދާއި، އާމްދަނީގެ ގޮތުން ބެލިނަމަވެސް އިތިއޯޕިއަން އެއަރލައިނަކީ އެފްރިކާ ބައްރުން އެންމެ ފާހަގަކޮށްލެވޭ އެއަރލައިނެވެ.

އަދި އިތިއޯޕިއަން އެއަރލައިނަކީ މިވަގުތު މުޅި އެފްރިކާއަށް ބެލިނަމަވެސް ސަލާމަތީގޮތުން އެންމެ ރަނގަޅު މިންގަނޑެއްގައި ހިފަހައްޓަމުން އަންނަ އެއަރލައިންކަން ފާހަގަކޮށްލެވެއެވެ.