ޚަބަރު

މަޑިވަރު ފިނޮޅު ފަޅުތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ


އއ. އަތޮޅުގައި އޮންނަ މަޑިވަރު ފިނޮޅު ފަޅުތެރޭގައި މަރުވެފައި އޮތް ފަތުވެރިއަކު ފެނިއްޖެއެވެ.

މަޑިވަރު ފިނޮޅުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 70 އަހަރުގެ ޗައިނާއަށް ނިސްބަތްވާ ފިރިހެނެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އއ. ތޮއްޑޫ ކައިރީ އޮންނަ މަޑިވަރު ފިނޮޅު ފަޅުތެރޭގައި މީހަކު މަރުވެފައިވާ އޮއްވާ ފެނުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރު ފަހު 14:50 ހާއިރު ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މަރުވެފައިވާ ފަތުރުވެރިއާ އެއީ ތޮއްޑޫގައި ހުންނަ ގެސްޓް ހައުސްއަށް އައިސް އެތަނުގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފަހަކަށް އައިސް ޗުއްޓީއަށް އައިސް އުޅެނިކޮށް މޫދުގައި މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރި ސަބަބު ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.