ޚަބަރު

އޭސީސީގެ މެންބަރުން ވަކިކުރުމަށް ގޮވާލާ ޕެޓިޝަނެއް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައިފި


އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން މަގާމުން ވަކިކޮށް، އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހުރިއްޔާއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުންގެ ބަޔަކު އިސްނަގައިގެން 1065 މީހުންގެ ސޮޔާއެކު ހުށައެޅި މިޕެޓިޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރުތިބި މެންބަރުންނަކީ ދިވެހިރާއްޖޭގައި ހިނގި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އިހުމާލުވެ އަދި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ތުހުމަތުކުރެވޭ ފަރާތްތަކަށްވާތީ، ކޮރަޕްޝަނާ ދެކޮޅަށް އަޅަންޖެހޭ މުހިންމި ފިޔަވަޅެއްގެ ގޮތުގައި އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިބި ފަސް މެންބަރުން މަގާމުން ވަކިކޮށްދެއްވައި އެފަރާތްތަކާމެދު އަޅަންޖެހޭ އެންމެހައި ޤާނޫނީ ފިޔަވަޅު އަޅައި ދިނުމަށް ހުށައަޅާފައިވާ ޕެޓިޝާނެކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަކިކުރުމަށް ޕެޓިޝަނެއް ހުށައަޅާފައިވާއިރު، އޭސީސީގެ މެންބަރުން މަގާމުން ވަކިކުރުމަށާއި އެފަރާތްތަކާމެދު އަޅަންޖެހޭ އެންމެހައި ޤާނޫނީ ފިޔަވަޅުތައް އެޅުމަށް ގޮވާލާ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަދުވަހުގެ "މާރޗް އަގައިންސްޓް ކޮރަޕްޝަން" ގެ ނަމުގައި ވަނީ ހިނގާލުމެއްވެސް ބާއްވާފައެވެ.