ޚަބަރު

ރައީސް ޞާލިޙް، ދެރަށެއްގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލް މެންބަރުންނާއި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ވަކިވަކިން ބޭއްވެވި ބައްދަލު ކުރެއްވުންތަކުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ނ.މާފަރުގެ ކައުންސިލް މެމްބަރުންނާއެވެ. އެއަށްފަހު ރައީސް ޞާލިޙްވަނީ ހދ.ނޮޅިވަރަމް ކައުންސިލް މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެމްބަރުން ވަނީ މާފަރުގެ ތަރައްޤީއަށް އެފަރާތުން ގެންގުޅޭ ވިސްނުމާއި، ރަށުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސާ ޙިއްސާ ކުރައްވާފައެވެ. އެގޮތުން އެރަށުގައި ބައެއް އަސާސީ ޚިދުމަތްތައް އެންމެ ފުރިހަމަވެފައި ނެތުމުން ދިމާވާ ދަތިތައް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންކަން ވަރަށްއަވަހަށް ފެށިގެން ކުރިއަށްދާނެކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމުގައި، މިހާރުން މިހާރަށް ބޭނުންވެފައިހުރި ކަންކަން ބައްލަވައި، އެކަންކަމަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު މެންދުރުފަހު ހދ.ނޮޅިވަރަމް ކައުންސިލް މެމްބަރުންނާއެކު ރައީސް ޞާލިޙް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ނޮޅިވަރަމްގެ މިހާރުގެ ހާލަތާއި އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

އެގޮތުން ރަށުގެ ބަނދަރު މިހާރު ތަރައްޤީ ކުރެވިފައިވާ ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ. މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޮޅިވަރަމް ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.