ޚަބަރު

ޕެންޝަން ފަންޑު ފައިސާއިން ޙައްޖަށް ދެވޭގޮތަށް ފާސްކުރި ބިލު ތަޞްދީޤުކުރައްވައިފި


ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދޫކުރެވޭ ގޮތަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންނަށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭ ގޮތަށް ކަނޑައަޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ޕެންޝަނާބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް
އެކައުންޓުން ދޫކުރެވޭނީ، އެ އަހަރަކު ޙައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދަށްވާ ފައިސާގެ ފަންސާސް އިންސައްތަކަމަށެވެ.

ޤާނޫނަށް މިއައި ބަދަލާއެކު ކޮންމެ މީލާދީ އަހަރަކު ޙައްޖުވުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނެ ޖުމްލަ މީހުންގެ ޢަދަދާއި، ޙައްޖުވުމުގެ ފައިސާ ދޫކުރެވޭނެ ގޮތާއި، އަދި އެނޫންވެސް ކަމާގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރާނެ އުޞޫލުތައް ޕެންޝަން އޮފީހުގެ ބޯޑުން ކަ ނޑައަޅަންޖެހެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވަނީ މިދިޔަ ފެބުރުވަރީ މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުން ފައިސާ ދޫކުރެވޭނީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް ގެންނެވި މި އިސްލާހާ ގުޅިގެން، މި ޤާނޫނުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.