ސިޔާސީ

އަންނަ އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރަކަށް ވާނެ - ފޮރިން މިނިސްޓަރ


އަންނަ އަހަރުގެ ޖުލައިމަހު ރުވަންޑާގަ ބާއްވާ ކޮމަންވެލްތު އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރަކަށް ވާނެ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ކޮމަންވެލްތުގައި ހަމަޖެހިފައިވާ އުސޫލުތައް ރާއްޖެއަށް އެނގޭކަމަށާއި، ނަމަވެސް ރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ޚިލާފަށްކަމަށް ވުމުން ކޮމަންވެލްތުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބެންވާނެކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖަނަރަލްގެ އަރިހުގައި ދަންނަވާފައިވާކަމަށެވެ.

އެކަމާއި ގުޅޭގޮތުން އިނގިރޭސި ވިލާތާއި، ކޮމަންވެލްތް މެންބަރު ބައެއް ޤައުމުތަކުގެ ސަރުކާރުތަކާއެކު ކުރެއްވި މަޝްވަރާތަކުގައި، ކޮމަންވެލްތުގެ މެންބަރުކަން ރާއްޖެއަށް އަވަހަށް ލިބެންޖެހޭކަން އެޤައުމުތަކުންވެސް ޤަބޫލުކުރައްވާކަމަށާއި އެކަމުގެ މަޝްވަރާތައް ކުރިއަަށްދާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

"ކޮމަންވެލްތުގެ ވަފުދުން ރާއްޖެއައިސް އެކުލަވާލި ރިޕޯޓް މިހާރުވަނީ ސެކްރަޓަރީ ޖެނަރަލް އަތްޕުޅަށް ލިބިފައި. ދެން ކޮމަންވެލްތުގެ އުސޫލުތަކުގެ ތެރެގައި މިކަން ހިނގާކަމަށްވިއަސް މިއަންނަ އަހަރުގެ ޖުލައިމަހު ރުވަންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ރަސްމީގޮތުން މެންބަރަކަށްވާނެ" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް އެކި ދާއިރާތަކުން ފަހިވާ ފުރުސަތުތައް ލިބެމުންނުދާކަން ފާހަގަކުރެއްވިއެވެ. ޚާއްސަގޮތެއްގައި ތަޢުލީމީ ދާއިރާއިން ލިބޭ ސްކޮލަޝިޕް ފުރުސަތުތަކާއި، ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ދިވެހި އެތުލީޓުންނަށް ލިބޭ ފުރުސަތުތައް ފާހަގަ ކުރެއްވިއެވެ.

2016 ވަނަ އަހަރުގެ އޮކްޓޫބަރު 13 ވަނަދުވަހު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކޮމަންވެލްތުން ރާއްޖެވަކިވެފައި ވަނިކޮށް ރައީސް ޞާލިޙް ވެރިކަމާއި ޙަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހުގެތެރޭގައި ކުރައްވާނެކަމެއްގެ ގޮތުގައި ހިމަނުއްވައިގެން ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ސަރުކާރުން ނިންމެވީ 19 ނޮވެންބަރު 2018 ގައެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ.