ޚަބަރު

ފޮރެންސިކް ދާއިރާ ހަރުދަނާ ކުރުމާ ގުޅޭގޮތުން ބޭއްވި ބައްދަލުވުން ނިންމާލައިފި


ރާއްޖޭގެ ފޮރެންސިކް ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން ނިންމާލައިފިއެވެ.

މި ބައްދަލުވުމުގައި ފޮރެންސިކްސްގެ ދާއިރާއިން ރާއްޖޭގައިހުރި ހުރަސްތަކާއި މިހުރަސްތަކުން އަރައިގަތުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން މިބައްދަލުވުމުގެ ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދިމަރުގެ މައްސަލަތަކުގައައި ކަމާގުޅޭ ފަރާތްތަކާއެކު ވަނީ މަޝްވަރާކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ފޮރެންސިކް ދާއިރާ މިހާރު އޮތް ޙާލަތާއި، މިދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން ވިދާޅުވީ މިބައްދަލުވުމުގެ ތެރެއިން މަޝްވަރާކުރި ކަންތައްތަކުގެ އަލީގައި ފޮރެންސިކް ދާއިރާގައި ރަނގަޅު ކުރަންހުރި ކަންތައްތައް ރަނގަޅުވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި މިފަދަ މަސައްކަތުގައި ސަރުކާރުން ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ހެޑް އޮފް ސްޕެޝަލިސްޓް ސަޕޯޓް ޢަބްދުﷲ އަޙްމަދު ވިދާޅުވީ މިބައްދަލުވުމުގައި އެންމެބޮޑަށް މަޝްވަރާކުރީ މީހަކު މަރުވުމަށްފަހު އެމީހާގެ މަރުގެ ކަންކަން އެންމެ ރައްކާތެރިގޮތުގައި ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންކަމަށެވެ.

މިގޮތުން މަރުތަކުގެ ތަޙްޤީގަށް ބޭނުންވާ ޕޯސްޓްމޯޓަމް ހެދުމާއި މައްޔިތާގެ ހަށިގަނޑު ރައްކާތެރިކަންމަތީ އެއްތަނުން އަނެއްތަނަށް އުފުލުމުގައި ކަންކަން ކުރަންވީ ގޮތްތތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިބައްދަލުވުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުއެސް)އާއި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން، ފޮރެންސިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.