ޚަބަރު

ސިފްކޯ ހިޔާ ފްލެޓް މަޝްރޫޢު ކުރިއަށްދާގޮތް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި


ހުއްޓިފައިވާ "ސިފްކޯ ހިޔާ" ފްލެޓު މަޝްރޫޢުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށްދާގޮތް، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

ސިފައިންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު "ސިފްކޯ ހިޔާ" ފުލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ވަޑައިގަތުމުން ޑިފެންސް މިނިސްޓަރަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

"ސިފްކޯ ހިޔާ" ގެ 330 ފުލެޓް ޢިމާރާތުގެ ޢަމަލީ މަސައްކަތް ދިގުމުއްދަތަކަށް ހުއްޓިފައި ވަނިކޮށް، ރައީސް ޞާލިޙުގެ އިސްނެންގެވުމާއެކު އެޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްވަނީ އަލުން ފަށާފައެެވެ.
"ސިފްކޯ ހިޔާ" ފުލެޓްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ މި ކުރެއްވި ޒިޔާރަތުގައި ފުލެޓްގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން އެ މަޝްރޫޢު ކުރިއަށްގެންދާ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑާއި އެޕްރޮޖެކްޓްގެ އިންޖިނިއަރުންގެ ފަރާތުން ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

މި ޒިޔާރަތުގައި އެކަމަނާގެއަރިހުގައި ޑިފެންސް މިނިސްޓަރުގެ ނައިބު ޙަސަން ޒަމީލާއި ސިފައިންގެ އިސްވެރިންފެ އިތުރުން "ހިޔާ" ފުލެޓް ޕްރޮޖެކްޓްގެ މެނޭޖަރ ކާނަލް މުޙައްމަދު ޝާހިދާއި ސިފްކޯގެ ސީއީއޯ މޭޖަރ ޙައްވާ ޝެނީން ބައިވެރިވެ ވަޑައިގަތެވެ.

ސިފައިންނާއި ސިފައިންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި "ސިފްކޯ ހިޔާ" ފްލެޓް ނަމުގައި ބިންގާއެލީ 330 ފުލެޓްގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހުއެވެ.