ޚަބަރު

ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގައި ޙަރަކާތްތެރިވަނީ 50 މީހުން - އެމްއެންޑީއެފް


ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރު އޮޕަރޭޝަންތަކުގައި ޙަރަކާތްތެރިވަނީ، ޓާމް ބަދަލުވާގޮތަށް ތިބޭ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުން ހިމެނޭހެން ޖުމްލަ 50 މީހުންކަމަށް މޯލްޑިވްސް ނޭޝަނަން ޑިފެންސް ފޯސްއިން ވިދާޅުވެއެޖެއެވެ.

މިއަހަރުގެ މިހާތަނަށް ކޯސްޓްގާޑުން ހިންގާފައިވާ އޮޕަރޭޝަންތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕްރިންސިޕަލް ޑައިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ޢާންމުގޮތެއްގައި ހެލިކޮޕްޓަރު އޮޕަރޭޝަނެއްގައި ޙަރަކާތްތެރިވާނީ ފަންސާހަކަށް މީހުންކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭ އިންޑިއާ ސިފައިންނަކީ ދާއިމީކޮށް ރާއްޖޭގައި ތިބޭ ސިފައިން ނޫންކަމަށް މުޙައްމަދު ޞަލީމް ވިދާޅުވިއެވެ.

"50 މީހުން އުޅެދާނެ، އެއީ ބައެއް ފަހަރު މިގޮތަށް ބޮޑު ޓީމެއް އޮންނައިރު، ކޮންމެވެސް ވަރަކަށް މީހުން ގޮސް އައިސް އުޅޭނީ. އެކަމަކު ކޮންމެ ކަހަލަ މޫވްމަންޓްކީވެސް އަޅުގަނޑުމެންނަށް އެނގިގެން، އަނެއްކާ ރޮޓޭޓްވާކަހަލަ އުސޫލަކުން ތިބޭ ބައެއްމީ ހަމަ އައިސް ތިބޭ ބަޔަކު ޕާމަނަންޓްކޮށް ތިބެނީކީ ނޫން. ހަމަ އަންނަން ކަނޑައެޅިފައި އޮންނަ ޓާމް ހަމަވީމަ އަނެއްކާވެސް އެހެން ބަޔަކު އައިސް އެގޮތަށްހަމަ ރޮޓޭޓްވާ އުސޫލަކުން ހިނގާކަމެއް. އެހެންވީމަ ރަފްލީ އަނެއްހެން ބުނާކަމަށްވަންޏާ ފަންސާހަކަށް މީހުންގެ އޮޕަރޭޝަނެއްމީ" ޞަލީމް ވިދާޅުވިއެވެ.

2010ވަނަ އަހަރު ހެލިކޮޕްޓަރެއް ގެނެސް އަހަރެއްވަންދެން އިންޑިއާ އިން އޮޕަރޭޓްކުރުމަށްފަހު ރާއްޖެއަށް ހަދިޔާކުރާގޮތަށް އޮތްނަމަވެސް މިއަދާހަމައަށްވެސް ހެލިކޮޕްޓަރުތައް ހިންގުމާ ޙަވާލުނުވެވި ހުރީ އެކަމަށް ބޭނުންވާ ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން ނެތުމުންކަމަށް އެމް.އެން.ޑީއެފުން ވަނީ ވިދާޅުވެފައެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބްރިގޭޑިއާ ޖެނަރަލް ޢަލީ ޒުހައިރު ވިދާޅުވީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކުރިއްސުރެ ބޮޑަށް ބަލަހައްޓަނީ އަވައްޓެރި ޤާއުމުތަކާއި ގުޅިގެންކަމަށާ، އިންޑިއާގެ ހިލޭއެހީގެ ދަށުން މިހާރު ޤާއިމްކުރުންދާ ރާޑަރު ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތަކީ 2003ވަނަ އަހަރުފެށި މަޝްރޫޢެއްކަމަށެވެ.

މިމަޝްރޫއަކީ އަލަށް ހިންގާ މަޝްރޫޢެއް ނޫންކަން ފާހަގަކުރައްވަމުން ޢަލީ ޒުހައިރު ވިދާޅުވީ އޭރު ފެށި މަޝްރޫއުގެ މަސައްކަތް އެކިދުވަސްމަތިން މަރާމާތުކުރުމާއި އަޕްގްރޭޑްކުރުންފަދަ މަސައްކަތް އަބަދުވެސް ކުރެވެމުންދާކަމަށާ މިހާރު ކުރިއަށްދަނީ އައު ޕްރޮޖެކްޓެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދު އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށް 10 ރާޑަރ ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒުހައިރު ވިދާޅުވިއެވެ.

"އެކި ދުވަސްވަރު އެކި ސަރުކާރުތަކުން ކުރެވެމުން އައިސް މިހާރު ރާޑަރ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބަކީ 10 ސްޓޭޝަން ހެދުމައްޓަކައި، އޭގެތެރެއިން 4 ސްޓޭޝަން މިހާރުވަނީ ނިމިފައި މިއަހަރުގެ މެދުތެރޭގައި މިސްޓޭޝަންތައް އަޅުގަނޑުމެންގެ ކޮމާންޑް ސެންޓަރުތަކާ ގުޅާލެވޭނެ." ޒުހައިރުވިދާޅުވިއެވެ.

ޤައުމީ ދިފާޢީ ބާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ސަރަހައްދަކީ ރައްކާތެރި މާޙައުލެއްގެގޮތުގައި ބޭއްވުމުގެ މަސައްކަތްކަމަށާއި، ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަކީ ވަރަށްގިނަ އިޤްތިސާދީ ޙަރަކާތްތަކެއް ހިނގަމުންދާ ތަނަކަށްވުމުން މިޙަރަކާތްތަކަކީ އަމާންކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތަކަށް ހެދުމަށް ދިވެހިރާއްޖެއިންވެސް މަސައްކަތްކުރަންޖެހޭކަމަށް އަސްކަރިއްޔާއިން މައޫލޫމާތުދެއްވައެވެ. ރާއްޖެއާއި އިންޑިއާއާއި ސްރީލަންކާގެ ކަނޑުގެ ސަރަހައްދަކީ ކަނޑުގެސަރަހައްދުގެ ބޯޑަރ ޙިއްސާކުރާ ޤައުމުތަކަށްވުމުން ރާއްޖެ ސަރަހައްދުގައި ހިނގާކަމަކުން އެހެންޤައުމުތަކަށްވެސް އޭގެ އަސަރުކުރާނެކަން ފާހަގަކުރައްވަމުން އަސަކަރިއްޔާއިން ވިދާޅުވީ، މިޒަމާނުގައި މިފަދަ ސަރަހައްދުތައް ބަލަނީ ޤައުމުތައް ގުޅިގެންކަމަށެވެ.

އަވައްޓެރި ޤައުމުތަކާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގެ ވާހަކަތަކުގައި ބައެއް ފަރާތަކުން ސިޔާސީ ކުލަ ޖައްސަންއުޅުނުނަމަވެސް ދިވެހި ޤައުމު ޙިމާޔަކްކުރުމުގައި ދިވެހިސިފައިން ކެރިގެން ސާބަތިކަންމަތީ ދެމިތިބޭނެކަމަށް ސިފައިން ވިދާޅުވިއެވެ.