ޚަބަރު

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަނީ


ގދ.މަޑަވެއްޔާއި ހޯނޑެއްދޫއާ ދެމެދު ހަދާފައިވާ ކޯޒްވޭގެ ޑިޒައިނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ލަތީފް ވިދާޅުވީ ހޯނޑެއްދުއާއި މަޑަވެއްޔާ ދެމެދު އެކުންފުނިން ހަދާފައިވާ ކޯޒްވޭގައި ދިމާވެގެން އުޅެނީ ދެރަށް ދެމެދުގައި އޮއި ދެމޭގޮތަށް ކަނޑާފައިވާބައި ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަލައެއްކަމަށެވެ. އަދި މިހާރު މިމައްސަލަ ޙައްލުކުރުމަށް ހައުސިންގ މިނިސްޓްރީއާގުޅިގެން މަސައްކަތްކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލަޠީފް ވިދާޅުވީ ކޯސްވޭގެ ޑިޒައިންނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާ މިނިސްޓްރީން ވަކިގޮތެއް ނިންމުމާއެކު މަސައްކަތް ނިންމުމުގެ މަސައްކަތް ފަށާނެކަމަށެވެ.

" މަސައްކަތް ނިމުމާ ކައިރިވެފައިވަނިކޮށް މައްސަލަތަކެއް ކުރުމިތިވީ .މިގޮތުން ރިވެޓްމަންޓްގެ ބައެއް ގިރައިގެންގޮސް ކޯސްވޭގެ ބައި ހަލާކުވެފައިވަނީ. ޑިޒައިނަށް ބަދަލުގެނައިމުގެ މަސައްކަތް ކުރަމުންމިދަނީ. އެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް މިހެން ދިމާވެފައިވަނީ." ލަޠީފް ވިދާޅުވިއެވެ.

މަޑަވެލި ހޯޑެއްދޫއާ ކޯޒްވޭ ހަލާކުވެފައިވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ކޯޒްވޭ މަތިން ފެންގަނޑު އަރަނީ ރަށުތެރެއަށެވެ. ގދ.މަޑަވެއްޔާއި ހޯޑެއްދޫއާދެމެދު ހެދުމަށް ހަމަޖެހިފައިވަނީ 7 މީޓަރ ފުޅާ އަދި 440 މީޓަރ ދިގު ކޯޒްވޭއެކެވެ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. އެކުންފުންޏާއި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 2016ވަނަ އަހަރުގެ މާރޗްމަހުގެ ތެރޭގައެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅުވާލުމަށް ހަދާ ކޯސްވޭގެ މަސައްކަތް ކުރުމަށް އެސަރަހައްދުގެ ފަޅުން 3.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

މަޑަވެއްޔާއި ހޯޑެއްދުއާއި ދެމެދު ތަރައްޤީކުރާ ކޯސްވޭ ތަރައްޤީކުރުމަށް ނިންމާފައިވީ ވެލި މަގެއްގެ ގޮތުގައެވެ. މިގޮތަށް މަގު ތަރައްޤީކުރަން ނިންމާފައިވަނީ އެ ދެ ރަށުގައި ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ބާވަތްތަކާއި އާބާދިއަށް ބެލުމަށްފަހުކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.