ސިޔާސީ

އެސްއެމްއީ ލޯންގެ ވަކިބައެއް އަންހެނުންނާއި ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް


އެސް.އެމް.އީ ބޭންކުން ދޫކުރާ ލޯންގެ ވަކި ބައެއް ޚާއްޞަކުރާނީ އަންހެނުންނަށާއި ޒުވާނުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސް.ޑީ.އެފް.ސީ) އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސް.އެމް.އީ ބޭންކެއްގެ ޚިދުމަތް ފެށުމަކީ، އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ކަމެއްކަން ފާހަގަކުރައްވާފައެވެ. އެސް.އެމް.އީ ލޯނު ދޫކުރަން ފަށާއިރު ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނުގެ އިތުރުން ހަރުމުދާ ލޯން ދޫކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސް،އެމް.އީ ބޭންކުގެ ޚިދުމަތާއެކު އެތަކެއް ޒުވާން ވިޔަފާރިވެރިން އުފެދިގެންދާނެ ކަމަށެވެ. އަދި އެސްއެމްއީ ލޯންގެ ވަކި ބައެއް ޚާއްޞަކޮށްފައިވާނީ، އަންހެނުންނަށާއި ޒުވާނުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެސް.އެމް.އީ ލޯނަކީ، މުޅި ޤައުމުގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯން ސްކީމަކަށް ވެގެންދާނެކަމަށެވެ.

"ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން ޤައުމީ އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ. ހަމައެފަދައިން މިއީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބާނުންވާ މީހުންނަށް ދެވޭ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ. މިސަބަބައްޓަކައި އެސް.އެމް.އީ ލޯންގެ ވަކިބައެއް ޚާއްސަކޮށްފައިވާނީ އަންހެނުންނަށާއި، ޒުވާނުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އަލަށް ވިޔަފާރިތައް ފަށާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ޤާބިލުކަން ކައުންސިލްތަކަށް ހޯދައިދިނުމުގެ ގޮތުން ކޮންމެ ކައުންސިލެއްގައި ތަމްރީނު ލިބިފައިވާ އިކޮނަމިކް އޮފިސަރުން ބޭތިއްބުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އަދުގެ ސަރުކާރުން ރައްޔިތުން ބާރުވެރިކުރުމުގެ ނަމުގައި ލޯނެއްގެގޮތުގައި ފައިސާކޮޅެއް ދޫކުރުމަށްފަހު ނިންމާނުލައްވާނެކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙު ވިދާޅުވީ އިގްތިސާދީ ގޮތުން އެރައްޔިތަކު ބޭނުންވާ ހިސާބަށް ވާސިލުވެވޭނެ މަގުފަހި ކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި އެކަންކަމުގައި އެހީތެރިވެދެއްވާނީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންކަން ރައީސް ފާހަޤަކުރެއްވިއެވެ.

"ވިޔަފާރި ފަށާނެ ގޮތާއި ކާމިޔާބު ވިޔަފާރިއެއް ހިންގާނެގޮތްތައްވެސް އަޅުގަނޑުމެން ކިޔައިދޭނަން. އަދި އެސް.އެމް.އީ ލޯނަށް ހުށައަޅާ ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އާއި މާލެއާއި ރަށްރަށުގައި މިހާރު ހިންގަމުން އަންނަ 7 ބިޒްނަސް ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ. ރަށްރަށުގައި އަލަށް ވިޔަފާރިއެއް ފެށުމުގެ މަރުހަލާގައި ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމުގެ ޤާބިލުކަން ރަށު ކައުންސިލްތަކަށް ހޯދައިދެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ސަރުކާރުން ފޯރުކޮށްދޭ އެފަދަ ލޯންސްކީމްތަކުގެ ބޭނުންހިފާ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، ޚާއްސަކޮށް ދިވެހި އައު އުފެއްދުންތަކަށް ހިއްވަރުދިނުމުގެ ގޮތުން ކަނޑައެޅިފައިވާ އުސޫލާއެއްގޮތަށް ކުދި އަދި މެދުފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.