ޚަބަރު

މަރުގެ ބައެއް މައްސަލަތައް ބަލައި ނިމިއްޖެ - ކޮމިޝަން


މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން މަރުގެ ބައެއް މައްސަލަތަކުގެ ތަޙްޤީޤްކޮށް ނިމިފައިވާކަމަށް އެކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.

މާރާލާފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވީ، ކޮމިޝަނުން ބަލަން ނިންމާފައިވާ 25 މައްސަލައިގެތެރެއިން ބައެއް މައްސަލަތަކުގެ ތަޙްޤީގު މިހާރު ނިމިފައިވާކަށެވެ. މިހާތަނަށް ތަޙްޤީޤްކޮށް ނިމިފައިވަނީ މަރުގެ ކޮން މައްސަލަތަކެއްކަން އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ހުސްނުއްސުޢޫދު ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތަޙްޤީޤް ނިންމަމުން ދިޔަ ނަމަވެސް އެ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ލިބުން ލަސްވަމުން ދިއުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ފާސް ކުރުމުގެ މަރުހާލާއަށް ދިޔަފަހުން އެބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ ބިލު ދިރާސާކުރި ކޮމެޓީން ފާސްކޮށްފައި އޮތް ގޮތަށް ނޫން ކަމަށް ކޮމެޓީގެ މެންބަރުންތައް ވިދާޅުވުމާ ގުޅިގެން އެބިލު ޖަލްސާތަކުގެ އެޖެންޑާއިން ނަގާފައިވާއިރު މަރުތައް ތަޙްޤީގުކުރާ ކޮމިޝަނުން ބަލައި ނިމިފައި ހުރި މައްސަލަތަކުގައި ކުރިއަށްގެންދާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާކަމަށް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މަރު ކޮމިޝަނުން ބަލާނެ މައްސަލަތަކާ ގުޅޭގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހުސްނުއްސުޢޫދު ވިދާޅުވީ އެކޮމިޝަނުގެ މަސައްކަތްތައް ހީކުރިވަރަށްވުރެ ހަލުވި މިނުގައި ކުރިއަށްދާކަމަށާއި 5 މައްސަލައެއްގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އަދި ކުރިން އަންދާޒާކުރި މުއްދަތައްވުރެ އަވަހަށް ކޮމިޝަނުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށާއި، ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއް ތަޙްޤީގުކުރާނީ އާއްމުކޮށް ހުޅުވާލާއިގެން ލައިވް ޓެލެކާސްޓް ކޮށްގެންކަމަށެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ނުކުރެވި ހުރި މައްސަލަތަކުގެ މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތް ހޯދައި، ޢާންމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި އެކޮމިޝަނުގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.