ސިޔާސީ

އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި


މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އާބިޓްރޭޝަންގެ ޤާނޫނުގައި ބުނާގޮތުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައި އެ ބޯޑަށް މެންބަރުން ޢައްޔަނުކުރާނީ، އެޓަރނީ ޖެނެރަލްގެ ހުށަހެޅުމެއްގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާއެވެ.

އޭޖީ އޮފީހުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު، އަންނަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލާ މީހަކީ ޢުމުރުން ތިރީސް އަހަރު ފުރިފައިވާ ޚިޔާނާތުގެ ކުށް ނުވަތަ މަކަރާއި ޙީލަތުގެ ކުށް ނުވަތަ ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައިވާނަމަ، އެ ކުށުގެ އަދަބު ތަންފީޛުކޮށް ނިމުނު ފަހުން ނުވަތަ އެ ކުށުގެ އަދަބު މަޢާފުކޮށްދިން ފަހުން ފަސް އަހަރު ވެފައިވާ މީހަކަށްވެސް ވާންޖެހެއެވެ. އަދި އެމީހެއްގެ މާލީ މަޞްލަޙަތުތައް ހުރިގޮތުން ނުވަތަ އެނޫންވެސް މަޞްލަޙަތުތައް ހުރިގޮތުން ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަން ކުރުމަށް ހުރަހެއް އޮތް މީހަކު ކަމުގައިނުވުންވެސް މިމަޤާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަކަށް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ މެންބަރުންގެ ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވުމާއެކު ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ޚިދުމަތަށް ބަލާ އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނުމަށް ބޭނުންވާ ޢިލްމާއި ތަޖުރިބާއާއި ހުނަރު ހުރި ބައެއްކަން އެޓަރނީ ޖެނެރަލް ކަށަވަރުކުރަންޖެހެއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޒިންމާތަކުގެ ތެރޭގައި އާބިޓްރޭޝަނުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއެރުވުމާއި، އާބިޓްރޭޝަން ހިންގުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުމާއި، އެކަމަށް މަގުފަހިކުރުމުގެ އިތުރުން މައްސަލަ ޙައްލުކުރުމުގައި އާބިޓްރޭޝަނުގެ ވަސީލަތް އިޚްތިޔާރުކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ.

މި ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަށް ބޯޑު ބައްދަލުވާ ކޮންމެ ޖަލްސާއަކަށް، އެޓަރނީ ޖެނެރަލްގެ މަޝްވަރާގެމަތިން، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަނޑައަޅާ ޢިނާޔަތެއް ލިބިވަޑައިގަންނަވާނެއެވެ.