ސިއްހަތު

އެޗް.ޕީ.ވީ ވެކްސިން ޖެހުމުގެ ކެމްޕެއިން އިފްތިތާހްކޮށްފި


ތަފާތު ބާވަތްތަކުގެ ކެންސަރާއި ޚާއްސަކޮށް ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ރައްކާތެރިކުރުމަށްޓަކައި ޖަހާ އެޗް.ޕީ.ވީ ވެކްސިން ޖެހުމުގެ ކެމްޕެއިން އިފްތިތާހްކޮށްފިއެވެ.

މި ކެމްޕެއިން އިފްތިތާޙް ކުރުމުގެ ގޮތުން ތަޖުއްދީން ސްކޫލްގައި ތަޢުލީމް ހާސިލްކުރާ ތިން ދަރިވަރަކަށް ވަނީ މި ވެކްސިން ޖަހާފައެވެ. އަދި މިކަމުގެ ލިޔުން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މަޢުމޫން ވަނީ އެކުދިންނާއި ހަވާލުކޮށްދެއްވާފައެވެ.

ރާއްޖޭގައި ހިއުމަން ޕެޕިލޯމާ ވައިރަސް، އެޗް.ޕީ.ވީ އިން ޖެހޭ ކެންސަރުތަކުން ރައްކާތެރިކުރުމަށްޓަކައި އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ވެކްސިން ދިނުމުގެ ކެމްޕެއިން މިހާރު ވަނީ ފަށާފައެވެ. މި ކެމްޕޭން ނިންމާލުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 21 ވަނަ ދުވަހަށެވެ. އަދި އެއަށްފަހު މި ވެކްސިން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން އުމުރުން 10 އަހަރުވާ އަންހެންކުދިންނަށް ދެމުން ގެންދާނެކަމަށްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.

މި ވެކްސިން ކެމްޕެނުގައި ޖެހުމަށް ހަމަޖެހިފައިވަނީ ސަރވަރިކްސް ބްރޭންޑްގެ އެޗް.ޕީ.ވީ ވެކްސިނެވެ. އަދި މި ވެކްސިންގެ ސަބަބުން ކެންސަރު ޖައްސާ އެޗް.ޕީ.ވީގެ މައިގަނޑު ދެވައްތަރުކަމަށްވާ 16 އާއި 18 އިން ރައްކާތެރިކަން ލިބިގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މި ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވިދާޅުވީ ވެކްސިން ދީގެން ރައްކާކުރެވޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލާފައިވާކަމަށެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ޅަ އުމުރުގައި އެޗް.ޕީ.ވީ ވެކްސިން ޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކެމްޕެއިންގެ އަމާޒަކީ އުމުރުން 10އަހަރާއި 14 އަހަރުގެ ހުރިހާ އަންހެންކުދިންނަށް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި މި ވެކްސިންގެ ފުރަތަމަ ޑޯޒް ދީ ނިންމުން. ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑޯޒް ދިނުމަށްފަހު އޭގެ ހަމަސްދުވަސް ފަހުން."މައިމޫނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ޒުވާން އަންހެންދަރިން ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރުމަށް އެޗް.ޕީ.ވީ ވެކްސިންއަކީ މުހިއްމު ވެކްސިނެއްކަމަށެވެ. މިނިސްޓަރ ވަނީ ބަލިތަކަށް ބޭސް ބޭނުންކުރުމުގެ ބަދަލުގައި ތިމާގެ ހަށިގަނޑާ ދޭތެރޭ ފުރަތަމަ ވިސްނާލުމަށް ގޮވާލައްވާފައެވެ.

"މި ވެކްސިންއަކީ 100 އިންސައްތައާ ގާތްކުރާ އަދަދަކަށް އެޗް.ޕީ.ވީ ވައިރަހުގެ ސަބަބުން ޖެހޭ ތަފާތު ކެންސަރުތަކުން އިންސާނާއަށް ރައްކާތެރިކަން ލިއްބައިދޭ އެއްޗެއް. 2006 ވަނަ އަހަރު ތަޢާރަފްކޮށްފައިވާ މި ވެކްސިނަކީ ޅަ އުމުރުފުރައިގެން އަންހެން ކުދިންނަށް ޖެހޭ ގިނަ ބަލިތަކުން ރައްކާތެރިކޮށްދޭ މުހިއްމު ވެކްސިންއެއް."މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މާލެއާއި އާބާދީ ބޮޑު ރަށްރަށުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގައެވެ. އަދި ކުދި ރަށްތަކުގައި މި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައެވެ. ސްކޫލްތަކުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސެޝަންތައް ނިމޭ ގަޑީގައިކަމަށާއި ވެކްސިން ޖަހާނީ ބެލެނިވެރިޔާގެ ހާޒިރުގައިކަމަށްވެސް އެޗްޕީއޭއިންވިދާޅުވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް 84 ޤައުމަކުން 80 މިލިޔަނަށްވުރެ ގިނަ ކުދިންނަށް މި ވެކްސިން ޖަހާފައިވެއެވެ.
އެޗް.ޕީ.ވީ ވެކްސިން ތަޢާރަފްކުރުމަކީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ކަނޑައެޅި ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.