ވިޔަފާރި

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި


ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު މިކޮމިޓީއަކީ ދައުލަތުގެ ނަމުގައި ހިނގަމުންދާ ޕަބްލިކް ބެންކް އެކައުންޓާއި، ޕަބްލިކް ފަންޑްތަކާއި ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމްކޮށް ވިލަރެސް ކުރާ ފަރާތެވެ. ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ދައުލަތުގެ އެންމެހައި އޮފީސްތަކާއި އެއޮފީސްތަކުގެ އެކިއެކި ދާއިރާތަކުގައި ހުންނަ މާލީ ހިންގުމަށް ކުރާ ނުރަނގަޅު އަސަރުތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާގެ ހިސާބުތަކާއި އެ ހިސާބުތަކާ ގުޅޭ އެންމެގައި ލިޔެކިއުންތައް ބަލަހައްޓަމުންދަނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކްކުރެވޭނެ ނިޒާމެއް ޤާއިމްކުރުމުގެ އެންމެހައި މަސައްކަތްތަކެއްވެސް ވިލަރެސްކުރާނީ ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީންނެވެ.

މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮމިޓީ އެކުލަވާލެއްވީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ. މިކޮމިޓީގައި 8 މެމްބަރުން ތިއްބަވާއިރު، އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ 4 ބޭފުޅަކު ހިމެނޭއިރު، އޮޑިޓަރ ޖެނަރަލްގެ މަންދޫބަކާއި އަދި އޭސީސީގެ މަންދޫބެއް ހިމެނެއެވެ. އަދި ޕްރައިވެޓް ސެކްޓަރއިން ދެ ބޭފުޅަކު ހިމެނެއެވެ. މިކޮމިޓީގެ މުޤައްރިރަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަހުމަދު ޝަރީފެވެ.