މޯލްޑިވްސް ގްރީން ފަންޑު މެދުވެރިކޮށް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ރުއް އިންދުމުގެ މަސައްކަތް ފަށްޓަވާނެކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ "ވޯލްޑް ފޮރެސްޓް ޑޭ"އާއި ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ. 
ދުނިޔޭގެ ޖަންގަލިތަކުގެ ދުވަހާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ގުޅިގެން އެމްއެންޔޫގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ.ޙުސެއިން ރަޝީދު ވިދާޅުވީ ރާއްޖޭގައި ދިވެހި ރުއް ވަރަށް މަދުވެފައިވާކަމަށާއި އެކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. 
މިނިސްޓަރ ވިދާޅުވީ ރުއް މަދުވަމުންދާއިރު އެކަން ޙައްލުކުރުމަށް ހަރުދަނާ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. އެހެންކަމުން މިއީ ރާއްޖެއަށް ޙައްލުކުރަން ދަތިވާހިސާބަށް ނުދަނީސް ސަރުކާރުން މިކަން ޙައްލުކުރުމަށް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރުއް އިންދުމުގެ އިތުރުން މިކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމާމެދުވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. 
ދެމެހެއްޓެނިވި ގޮތެއްގައި ރުއް އިންދުމަށްޓަކައި މާލީ އެހީތެރިކަން މިކަމަށް ބޭނުންވާނެކަމަށާއި އެކަން މޯލްޑިވްސް ގްރީން ފަންޑު މެދުވެރިކޮށް ހަމަޖައްސަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު ރާއްޖޭގެ ރަށްރަށުގައި ހުރި ރުއްތަކަކީ މީގެ 50 އަހަރަށްވުރެ ކުރިން އިންދަފައި ހުރި ރުއްތައްކަމަށެވެ. 
ދުނިޔޭގެ ޖަންގަލިތަކުގެ ދުވަސް ފަހަގަކުރަނީ ކޮންމެ އަހަރެއްގެ މަރޗު މަހުގެ 21 ވަނަ ދުވަހުގައެވެ. މިދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު ޖަންގަލިތަކުގެ ސަބަބުން ވަޔާއި ފެން ސާފުވެގެންދާއިރު ބިންގަނޑު އިތުރަށް ވަރުގަދަވެ އިންސާނީ ދަރިފަސްކޮޅަށް ސިއްޙީ އެތައް ފައިދަތަކެއް ލިބިދޭކަމަށް ދިރާސާތަކުން ދައްކައެވެ. 
ރާއްޖޭގައި ބިޔަ ޖަންގަލީތައް ނެތްނަމަވެސް ރާއްޖޭގައި އެތައް ޒަމާނެއްވީ އެތައް ބާވަތެއްގެ ގަސްގަހާގެހި ހުރިއިރު މިބާވަތްތައް ޙިމާޔަތްކުރުމުގެ އިތުރުން މިބާވަތްތައް އިތުރުކުރަންޖެހޭކަމަށްވެސް މި ޕެނަލްގެ ބައިވެރިންވަނީ ފާހަގަކުރައްވާފައެވެ. ރާއްޖެގެ އުތުރާއި ދެކުނަށް ބަލާއިރު ރާއްޖޭގެ އުތުރާ ޚިލާފަށް ދެކުނުގައި ގަސްގިނަކަން ފާހަގަކުރެވިފައިވާއިރު އުތުރުގައި ދެކުނަށްވުރެ ގިނަ ޗަސްބިމާއި ކުޅިތައް ގިނަކަން ބައިވެރިންވަނީ ފާހަގަކުރައްވާފައެވެ. 
ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ އެކިފަރާތްތަކާއި އެމްއެންޔޫގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ.