ޚަބަރު

އޮފީސް ހޭންޑްބޯޅަ މުބާރާތަކީ ހުނަރުވެރި ގިނަ ކުޅުންތެރިން ފެންނަ މުބާރާތެއް - ފައިރޫޒާ


އިންޓަރ އޮފީސް ހޭންޑް ބޯލް މުބާރާތަކީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެންނަ މުބާރާތެއްކަމަށް ގައުމީ އަންހެން ހޭންޑް ބޯލް ޓީމްގެ ފައިރޫޒާ އާދަމް ބުނެފިއެވެ.

ހަތަރުވަނަ އިންޓަރ އޮފީސް އަދި ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ބައްވާފައިވާއިރު، އަހަރަކަށް ވުރެއް އަހަރެއް މުބާރާތުގައި ބައިވެރިވާ ޓީމްތަށް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު އިންޓަރ އޮފީސް ކުންފުނިތަކުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 11 ޓީމެވެ. ނަމަވެސް މިއަހަރު މިމުބާރާތުގައި 22 ޓީމްވަނީ ބައިވެރިވެފައެވެ.

ގައުމީ އަންހެން ހޭންޑްބޯލް ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ފައިރޫޒާ އާދަމް ބުނީ އިންޓަރ އޮފީސް އަދި ކުންފުނިތަކުގެ މުބާރާތަކީ އެންމެ ގިނަ އާ ކުޅުންތެރިން ބައިވެރިވާ މުބާރާތްކަމަށެވެ. އަދި އެސޯސިއޭޝަންގެ މުބާރާތްތަކުގައި ގިނައިން ބައިވެރިވަނީ ހޭންޑް ބޯލް ކުޅެމުން އަންނަ ކުޅުންތެރިންކަމަށެވެ. ނަމަވެސް އޮފީސް އަދި ކުންފުނިތަކުގެ މުބާރާތުގައި މިފަދަ ފުރުސަތުތަށް ނުލިބިފައި ތިބޭ ކިތަންމެ ހުނަރުވެރި ކުޅުންތެރިންތަކެއް ފެންނަމުންދާކަމަށް ފައިރޫޒާ ބުންޏެވެ.

ފިރިހެން ޑިވިޝަންއަށް ވުރެއް އަންހެން ޑިވިޝަންގެ ވާދަވެރިކަން ބޮޑުކަން ފާހަގަކުރަމުން ފައިރޫޒާ ބުނީ އަންހެން ޑިވިޝަންގެ ކުއާޓަރ ފައިނަލްއާއި ހިސާބުން ފެށިގެން މެޗްތަށް ދިޔައީ ވަރަށް ވާދަވެރިކޮށްކަމަށާއި އެއްވެސް މެޗްއަކުން މޮޅުވާނީ ކޮން ޓީމްއެއްކަން ކުރިން ބުނަން ނޭންގޭކަމަށެވެ. އަދި މިއީ މިހާރު ރާއްޖޭގައި ހޭންޑްބޯލް ކުރިއަރަމުން އަންނަކަމުގެ ނިޝާނެއްކަމަށްވެސް ފައިރޫޒާ ބުންޏެވެ.