ޚަބަރު

ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ތަމްރީން ފުރިހަމަކުރި 11 ބޭކަލަކު، ކަމިޝަން ކުރައްވައިފި


ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ތަމްރީން ފުރިހަމަކުރެއްވި 11 ސިފައިންގެ ބޭކަލަކު، ކަމިޝަން ކުރައްވައިފިއެވެ.

އެކަމަށްޓަކައި، ބަންޑާރަ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކަމިޝަން ކުރެއްވި އޮފިސަރުންނަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ އަލަށް ކަމިޝަން ކުރެއްވި އޮފިސަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ސިފައިންގެ ކަންކަން އިސްލާހުކޮށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށާއި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި މިއަދުގެ އެމްއެންޑީއެފް ލީޑަރޝިޕާއި ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ސިފައިންގެ ވެލްފެއަރ ކަންތައް ރަނގަޅު ކުރުމަށްޓަކައި ޢިލްމާއި ޤާބިލުކަން އިތުރުކުރުމަށް ހަރުދަނާ ޕްލޭންތަކެއް އެކަށައެޅެމުން ދާކަމަށާއި، ސިފައިންގެ ބޯހިޔާވަހިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް މިނިސްޓަރ ވަނީ ތަފްސީލީ ގޮތެއްގައި ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އަލަށް ކަމިޝަން ކުރެއްވި އޮފިސަރުން ރޭންކް ޙަވާލުކޮށްދެއްވީ، އެ އޮފިސަރުންގެ އާއިލާތަކުގެ މެމްބަރުންނެވެ. ކަމިޝަން ކުރެއްވި ބޭކަލުންނަކީ، ލެފްޓިނެންޓް އަލީ ފަހުމީއާ ލެފްޓިނެންޓް އަޙްމަދު ނާއިދާއި ލެފްޓިނެންޓް މުސްޠަފާ މުޙައްމަދާއި ލެފްޓިނެންޓް މުޙައްމަދު ޝަރީފާއި ލެފްޓިނެންޓް މުޙައްމަދު ރައިހާނެވެ. އަދި ލެފްޓިނެންޓް ޢަބްދުﷲ ޤިޔާސާއި، ލެފްޓިނެންޓް ޢަލީ ޝަރީފާއި ލެފްޓިނެންޓް ނަޒްމީން ނިޒާމާއި ލެފްޓިނެންޓް އާދަމް އަޝްފާޤުގެ އިތުރުން ލެފްޓިނެންޓް ޢަބްދުﷲ ޝާފިޢު އަދި ލެފްޓިނެންޓް އަޙްމަދު ޝާޠިރަކީވެސް ކަމިޝަން ކުރެއްވި ބޭކަލުންނެވެ.

މި ބޭކަލުންނަކީ އިންޑިޔަން މިލިޓަރީ އެކަޑަމީއާ ސްރީލަންކަން މިލިޓަރީ އެކަޑަމީން އޮފިސަރ ކެޑޭޓް ފުރިހަމަ ކުރެއްވި ބޭކަލުންނެވެ.