ވިޔަފާރި

ޗައިނާއިން އެއަރބަސް މަރުކައިގެ 300 މަތިންދާބޯޓު ގަންނަނީ


އެއަރބަސް މަރުކާގެ 300 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއްގައި ޗައިނާއިން އެއަރބަސް ކުންފުންޏާއެކު ސޮއިކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުން ޗައިނާގެ އެއަރލައިންތަކަށް އެއަރބަސް މަރުކާގެ 300 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ޗައިނާގެ ރައީސް ޝީ ޖިން ޕިން ފްރާންސްއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

300 މަތިންދާބޯޓު ގަތުމަށް އެއަރބަސްއާއެކު ޗައިނާއިން ޤާއިމްކުރި އެއްބަސްވުމުގައި ހިމެނެނީ އޭ ތްރީ ޓުވެންޓީ މަރުކައިގެ 290 މަތިންދާބޯޓާއި އޭ ތްރީ ފިފްޓީ މަރުކައިގެ 10 މަތިންދާބޯޓެވެ. ނަމަވެސް މި އެއްބަސްވުމުގެ އަގެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އެއަރބަސްގެ މަތިންދާބޯޓުތައް އާއްމުކޮށް ވިއްކާ އަގުތަކަށް ބަލާއިރު، މި އެއްބަސްވުމުގެ އަގު 35 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެއެވެ.

އެއަރބަސް ކުންފުންޏާއެކު ޗައިނާއިން ޤާއިމްކުރި މަލްޓި ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ސަބަބުން، އެއަރބަސްއާ ވާދަވެރި ބޮއިންގ ކުންފުންޏަށް ނުތަނަވަސްކަން ކުރިމަތިވާނޭކަމެއްކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. ބޮއިންގެ ސެވަން ތްރީ ސެވަން މަރުކައިގެ ދެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއަށްފަހު ބޮއިންގ ކުންފުނީގެ މަތިންދާބޯޓުތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފައްދަމުންދާއިރު، ޗައިނާއަކީ ބޮއިންގެ ސެވަން ތްރީ ސެވަން މަރުކައިގެ މަތިންދާބޯޓު ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލި ފުރަތަމަ ޤައުމެވެ. އަނެއްކޮޅުން ބޮއިންގެ ސެވަން ތްރީ ސެވަން މަރުކައިގެ ބޯޓުތައް ގަތުމަށް އެހެން ޤައުމުތަކުން ދީފައިވާ އޯޑަރު ކެންސަލްކުރަމުންދާއިރު، މިއީ އެއަރބަސް ކުންފުންޏަށް އެކަމުގެ ފައިދާ ނެގޭނެ ދަނޑިވަޅެއްކަމަށްވެސް ތަޖުރިބާކާރުން ދެކެއެވެ.

ޗައިނާގެ ރައީސް ފްރާންސްއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއަރބަސް މަރުކައިގެ 300 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއް ޤާއިމްކުރިއިރު، މީގެ ދެ އަހަރު ކުރިން އެމެރިކާގެ ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޗައިނާއިން ވަނީ ބޮއިންގ މަރުކައިގެ 300 މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައެވެ.

ޗައިނާގެ އޭވިއޭޝަން ސިނާޢަތް ކުރިއަރަމުންދާއިރު އިތުރު މަތިންދާބޯޓުތައް ޗައިނާގެ އެއަރލައިންތަކަށް ބޭނުންވާނޭކަމަށް އޭވިއޭޝަން ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. އެގޮތުން 2037 ވަނަ އަހަރު އަންނަން ވާއިރަށް މުދާ އުފުލުމަށާއި ފަސިންޖަރުން އުފުލުމަށް ހަތްހާހަށްވުރެ ގިނަ މަތިންދާބޯޓު ޗައިނާއަށް ބޭނުންވާނޭކަމަށް ތަޖުރިބަކާރުން އަންދާޒާކުރެއެވެ.