ޚަބަރު

އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރަން ޝަރަފުގެ ހިނގާލުމެއް ބާއްވަނީ


އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް މާލޭ ސިޓީގައި ޝަރަފުގެ ހިނގާލުމެއް ބާއްވަން އެމް.އެން.ޑީ.އެފުން ނިންމައިފިއެވެ.

މިހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ހުކުރު ދުވަހުގެ ހަވީރު 16:15 ގައިއެވެ. އަންހެން ސިފައިންގެ ޝަރަފްގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެގެން އަމީރުއަޙްމަދު މަގުން އިރަށްގޮސް، މެދުޒިޔާރަތްމަގާއި، ޝަހީދު ޢަބްދުﷲ ޒުޙައިރު ހިނގުމުން އުތުރަށްގޮސް ބޮޑުތަކުރުފާނުމަގުގެ ބޮޑު ބައެއްގައި ހިނގާލުންކުރިއަށްގޮސް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

ޝަރަފުގެ މިހިނގާލުން ހުއްޓި ސިފައިންގެ ބޭންޑުގައި ރާގުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މުލީއާގޭ ކުރިމަތީގައާއި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތީގައާއި ސެނަހިޔަ ކުރިމަތީގައާއި ސްވިމިންގ ޓްރެކް ސަރަހައްދުގެ އިތުރުން ވިލާކޮލެޖް ކައިރީގައާއި މާލޭ ކުޅިވަރު އެކުވެނި ސަރަހައްދުގައެވެ.

މި ޝަރަފުގެ ހިނގާލުމުގައި މިހާރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އަންހެން ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވި 65 އަންހެން ސިފައިންގެ ތެރެއިން 40 ކަނބަލުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.