ޚަބަރު

ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓަކަށްދާން ތާޢީދުކުރަން - ނަޝީދު


ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ތާއީދުކުރައްވާކަމަށް ކުރީގެ ރައީސް އަދި ސަރުކާރު ހިންގާ މައިޕާޓީ، އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިކަން ހާމަކުރެއްވީ އެމަނިކުފާނު ވާދަކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ބަހުސްގައި ދެންނެވި ސުވާލަކަސް ޖަވާބުދެއްވަމުންނެވެ. ޕީއެސްއެމް ނިއުސްއިން ގެންސްދޭ މަޖިލިސް ބަހުސް 2019 ގައި ނަޝީދު ވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ކުރިއަށް ދިޔައީ އިންސާފުވެރިކޮށް ނޫންކަން ހާމަވާކަމަށް ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ މިއަދު ރާއްޖޭގައި އަމަލުކުރަމުން މިދާ ފެހި ޤާނޫނު އަސާސީއަކީ، ޒަމާންވީ ޚުދުމުޙްތާރު ރިޔާސީ ނިޒާމަކާއި އިދިކޮޅަށް ހިންގި ހަރަކާތްތަކެއްގެ ތެރެއިން ދިވެހިން ބަލައިގަތް ޤާނޫނު އަސާސީއެއްކަމަށެވެ. ނަޝީދު ވިދާޅުވީ އޭރު އޮތް ހާލަތުގައި ނެގުނު ފެންނަ ނުފެންނަ ވޯޓާއި މެދު ކުރެވިފައިވާ ތުހުމަތުތަކާއެކު މިއަދު ދިވެހިން އަމަލުކުރަންޖެހޭ ގޮތްތައް، އަލުން އަނބުރައި ދެނެގަންނަންވާނީވެސް ރައްޔިތުންގެ ޚިޔާލާއި ރައްޔިތުން ނިންމަވާ ނިންމެވުމަކުންކަމަށެވެ.

"އެޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން އަދި ޤާނޫނު އަސާސީ ވަކި ހިސާބަކަށް އިސްލާޙުކުރުމަށްފަހު. ފެންނަ ނުފެންނަ ވޯޓެއް ނެގުނީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން. ތިބޭފުޅުން ހަނދުމަފުޅުހުންނާނެ. އެވޯޓުގައި ރާއްޖޭގައި ވޯޓު ޙައްޤުވާ އަދަދަށްވުރެގިނައިން ވޯޓުލީކަމަށް އިއުލާންވެސް ކުރި. އެވޯޓަށްފަހު ވެރިކަމުގެ ނިޒާމް ކަނދައެޅިގެން ދިޔައީ. އަޅުގަނޑުމެން މިއަދުވެސް އަމަލުކުރަން ޖެހޭ ގޮތްތައް އަލުން އަނބުރާ ދެނެގަތުމަށް ޖެހޭނީ ރައްޔިތުންގެ ވޯޓަކަށް ދާން. ދިވެހި ރައްޔިތުން ރާއްޖޭގައޮ އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެކަމަށް ކަނޑައަޅުމުން އެގޮތަށް އަޅުގަނޑު މިހުރީ ތައްޔާރަށް. އަދި ރައްޔިތުން އެހެން ގޮތަކަށް ނިންމެވި ނަމަވެސް އަޅުގަނޑު މިހުރީ ތައްޔާރަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރައްވާފައި މިވަނީ، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބު ވެރިކަން ކުރާ އެމް.ޑީ.ޕީއަށް ކާމިޔާބު ކުރައްވައިގެން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްކަމަށް ތުހުމަތުކޮށް މިހާރުގެ އިދިކޮޅު ފާރާތްތަކުން އެކަމަށް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައިވެސް ރައީސް ނަޝީދާއި އެމަނިކުފާނު ނިސްބަތްވާ އެމް.ޑީ.ޕީން ތާއީދުކުރީ ރާއްޖޭގައި އޮންނަން ފެންނަނީ ބަރުލަމާނީ ނިޒާމެއްކަމަށެވެ.